އޮޕަރޭޝަން އަލިމަގު ނަމުގައި ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް ބޮޑު އޮޕަރޭޝަނުން ހައްޔަރު ކުރި 110 މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކޮށްފައި ވަނީ 38 މީހުން ކަމަށް ފުލުހުން ބުނެފިއެވެ.

އަލިމަގު އޮޕަރޭޝަންގެ ތެރެއިން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހާ ދެމެދުގައި ކުރި މަސައްކަތުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި އޮޕަރޭޝަންއާ ގުޅޭ ގޮތުން މައުލޫމާތު ވަނީ ހިއްސާ ކޮށްފައެވެ. އެގޮތުން މި އޮަޕަރޭޝަންގައި ފުލުހުން އުޅޭ ފަސް ރީޖަންގައި އެއްފަހަރާ ރާއްޖޭގައި މީހުން ދިރިއުޅޭ 39 ރަށެއްގައި ވަނީ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައެވެ.

ހަމައެއާއެކު މި އޮަރޭޝަންގައި ޖުމްލަ 500 ފުލުހުން ބައިވެރިވެ 105 ތަނެއް ބަލައި ފާސްކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަންގައި އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނުގައި 29.68 ކިލޯ ހުރި ކަމަށާއި އަދި މި މައްސަލައިގައި 110 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އޭގެތެރެއިން 61 ފަރާތެއްގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައި ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް މީގެ ތެރެއިން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފައި ވަނީ އޭގެތެރެއިން 38 މީހުން ކަމަށް ފުލުހުން ބުނެއެވެ. ބަންދުގެ މުއްދަތު އިތުރުކުރި މީހުންގެ ތެރޭގައި ކުށުގެ ރެކޯޑު އޮންނަ މީހުންވެސް ހިމެނޭކަމަށް ފުލުހުން ބުނެއެވެ. އެ މީހުންގެ ވަނަވަރު ފުލުހުން ވަނީ މީޑިއާއާ ހިއްސާކޮށްފައެވެ.

ފުލުހުން ބުނީ 38 މީހުން ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކޮށްފައި ވަނީ، މަސްތުވާތަަކެތި އަތުން ފެނުނު މިންވަރަށް ބަލާފައި އަދި ކުށުގެ ރެކޯޑަށް ބަލާފައި ކަމަށެވެ. އަދި ކޯތަށް ހާޒިރު ނުކޮށް 68 ފަރާތެއް ވަނީ މި އޮޕަރޭޝަން ތެރޭގައި ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނުގައި ރެއިޑް ކުރި ތަންތަނުން މަސްތުވާތަކެތީގެ އިތުރުން ފައިސާވެސް ވަނީ ފެނިފައެވެ. އެގޮތުން 188،959.84 ރުފިޔާ އެތަންތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.