ދަ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)އިން ރާއްޖޭގައި އަސްކަރީ ދެ އިނީޝިއޭޓިވް އިފުތިތާހުކޮށް, ޑިފެންސް މިނިސްޓްރީއާއެކު ތަމްރީން ދިނުމުގެ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބާސެލޯ ނަސަންދުރައިގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އައިއެމްސީޓީސީއިން އިފުތިތާހު ކޮށްފައިވަނީ އެ ކޯލިޝަންގެ މިލިޓަރީ ޑޮމެއިންގެ ދެ ސްޓެރީޖިކް އިނީޝިއޭޓިވް ކަމަށްވާ "ކޮމްޕިޓެންސް" ނުވަތަ ގާބިލުކަން އަދި ސައިބާގެ ހަރަކާތްތަކެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އާއި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މޭޖާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް މުޣައިދީ އާއި ސިވިލް އަދި އަސްކަރީ އިސްވެރިންނާއި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވިއެވެ.
އައިއެމްސީޓީސީއިން ބުނީ "ކޮމްޕިޓެންސް" އިނީޝިއޭޓިވްގެ މަގުސަދަކީ އަސްކަރީ ދާއިރާއިން, ހާއްސަކޮށް ނޭވަލް މައިންއާ ދެކޮޅަށް ދިވެހިރާއްޖޭގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ. އެގޮތުން މި އިނީޝިއޭޓިވްގެ ދަށުން ހިންގާ ކޯހުގައި ނޭވަލް މައިންތަކާ ގުޅޭ މައުލޫމާތާއި އެ ތަކެތީގެ މެކޭނިޒަމްތަކާއި ރައްކާތެރިކަމާއެކު މައިން ނައްތާލުމުގެ އުކުޅުތައް އަދި އެންމެ ޒަމާނީ ސާމާނާއި އެޑްވާންސްޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން މައިން ހޯދައި ނައްތާލުން އަދި ކަނޑުއަޑީގެ އޮޕަރޭޝަންތަކުގައި ދޭ ފީލްޑް ތަމްރީނުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސައިބާ އިނީޝިއޭޓިވްގެ މަގުސަދަކީ ރާއްޖޭގައި ސައިބާ ނިޒާމުތައް އިތުރަށް ވަރުގަދަކުރުންކަން ފާހަގަކޮށް އައިއެމްސީޓީސީއިން ބުނީ މި އިނީޝިއޭޓިވްގެ ދަށުން ޑިޖިޓަލް ރައްކާތެރިކަން, ނުރައްކާތައް ދެނެގަތުން, ސައިބާ ހަމަލާތަކަށް ރައްދުދިނުމުގައި ބޭނުންކުރާ އުކުޅުތައް އަދި ގައުމީ އިންފްރާންސްޓްރަކްޗާގެ ސަލާމަތީ ކަންކަން ވަރުގަދަކުރުން ފަދަ ކަންކަން ހިމެނޭ ހާއްސަ ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ.
އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސައުދީ އަރަބިއާގެ ދިފާއީ ވަޒީރު އަދި އައިއެމްސީޓީސީގެ ދިފާއީ ވަޒީރުންގެ މަޖިލީހުގެ ޗެއާމަން, ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދު ދެއްވާ އެހީތެރިކަމާއި ސަމާލުކަން ފާހަގަކުރައްވައިފައެވެ. އަދި އެ މަނިކުފާނުގެ އިރުޝާދާއި އަމާޒަކީ އައިއެމްސީޓީސީގެ ހިންގުމާއި މެންބަރު ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމާއި ބަދަލުވަމުންދާ ޓެރަރިސްޓް ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި މައިގަނޑު އެއް ތަނބު ކަމަށްވެސް ވިދާޅުވިއެވެ.
އިއްޔެ އިފުތިތާހު ކުރި ދެ އިނީޝިއޭޓިވްއާއެކު މެންބަރު ގައުމުތަކުގެ ގާބިލުކަން ބިނާކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށާއި މި ޒަމާނުގެ ސަލާމަތީ މާހައުލަށް ބޭނުންވަނީ ކުރިއަރާފައިވާ އޮޕަރޭޝަނަލް ތައްޔާރީތަކުގެ އިތުރުން ގައުމީ ސަލާމަތް ރައްކާތެރިކުރެވޭނެ ގޮތަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާ ވަރުގަދަ ސައިބާ ނިޒާމުތަކެއް ކަމަށް އައިއެމްސީޓީސީގެ ސެކެޓްރީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.
އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް އިތުރަށް ވިދާޅުވީ އިއްޔެ ސޮއިކުރި އެއްބަސްވުމުން ހާމަކޮށްދެނީ ހުރިހާ ބާވަތެއްގެ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދިވެހިރާއްޖެ އާއި އައިއެމްސީޓީސީއާ ދެމެދު އޮތް ވަރުގަދަ ގުޅުން ކަމަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް އެންމެ ވަރުގަދައަށް މަސައްކަތް ކުރެވޭނީ މެންބަރު ގައުމުތަކުގެ އެއްބާރުލުމާއި އެކުވެރިކަން އޮވެގެން ކަމަށް ވިދާޅުވިއެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އައިއެމްސީޓީސީގެ ފަރާތުން ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ދިވެހިރާއްޖޭގައި އިފުތިތާހު ކުރި ދެ އިނީޝިއޭޓިވްސްއަކީ ދިފާއީ އަދި ޑިޖިޓަލް ގާބިލުކަން ތަރައްގީކޮށް ރާއްޖޭގެ ސަލާމަތާއި ހަމަޖެހުން ރައްކާތެރިކުރުމުގެ ކުޅަދާނަކަން ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ މުހިންމު ވަސީލަތެއް ކަމަށް ވިދާޅުވިއެވެ.
އައިއެމްސީޓީސީއިން ޑިފެންސް މިނިސްޓްރީއާއެކު ސޮއިކުރި ޖޮއިންޓް އެއްބަސްވުމަކީ އަސްކަރީ އަދި ޓެކްނިކަލް ތަމްރީނުތަކާއި ތަޖުރިބާ ބަދަލުކުރުމާއި ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެކެވެ. މިއީ އައިއެމްސީޓީސީގެ މެންބަރު ގައުމުތަކުގެ އަސްކަރިއްޔާ ތައްޔާރުކޮށް, ސައިބާ ސެކިއުރިޓީ އަދި ބަދަލުވަމުންދާ ނުރައްކާތަކާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި އެ ކޯލިޝަނުން ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ.
