ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށް އުނިއިތުރެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅުއްވީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުއްވި ބަޖެޓު 9 ބިލިޔަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް ލަފާކޮށްފައިވާއިރު ޕީއެސްއައިޕީ މަޝްރޫއުތަކަށް އަންނަ އަހަރު 8 ބިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރުގެ ބަޖެޓުން ހަރަދުގެ ގޮތުގައި 49.2 ބިލިޔަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ، ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް 9.3 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު މި ހަރަދުތައް ކެނޑުމަށްފަހު އަންނަ އަހަރުގެ ބަޖެޓަކީ، 55 ބިލިޔަން ރުފިޔާއެވެ.

މި ބަޖެޓަށް ބަހުސްގއި 60 މެންބަރުން ވާހަކަދައްކާފައިވާއިރު ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ މެންބަރުން ވަނީ މިއީ އުއްމީދީ ބަޖެޓެއް ކަމަށް ވިދާޅުވެފައެވެ. މި ބަޖެޓާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ގިނަ މެންބަރުންވަނީ ވިދާޅުވެފައެވެ.