އެމެރިކާގައި އޮންނަ އިސްލާމުންނާ ދެކޮޅު ގޭންގެއް ކަމަށް ވާ 'އެންޓި އިސްލާމް ބައިކާ ގޭންގް' އިން ސަލާމަތީ ކަންކަން ބަލަހައްޓާ އެހީގެ މަސައްކަތް ހުއްޓާލަން ގާޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ނިންމައިފިއެވެ.
ފާއިތުވި ހައެއްކަމަސް ވާންދެން ގާޒާގެ 3 ސަރަހައްދެއްގައި އެހީބަހާ ކޭމްޕް ހަދައިގެން މި ގްރޫޕުން ގެންދިޔައީ ގާޒާގެ ރައްޔިތުންގެ ގަޔަށް ބަޑިޖަހާ ޝަހީދު ކުރަމުންނެވެ. އެހީ ބަހާ ކަމުގެ ނަމުގައި އެ ކޭމްޕްތަކުގެ ކައިރިއަށް ރައްޔިތުން އެއްކޮށް، ބަޑިޖަހާ ޝަހީދު ކުރާ މަންޒަރުތައް ބައިނަލްއަގުވާމީ މީޑިއާތަކުން ދައްކާފައި ވެސް ވެއެވެ.
3 ކޭމްޕެއް ހަދައިގެން އިޒްރޭލާއި އެމެރިކާއިން އެ ތަންތާނގައި ކޮންމެވެސް ވަރަކަށް އެހީގެ ތަކެތި ބަހާ ހަދާފައި ވެސް ވެއެވެ. އަދި ބައެއް ދުވަސް ދުވަހު ރައްޔިތުން އެއްކޮށް އެއްވެސް އެހީއެއް ނުދީ އަނބުރާ ފޮނުވާލައިފައިވެސް އެބަހުއްޓެވެ.
ކާއެތިކޮޅަށް ފެންބޮވައިގަންފައި ތިބޭ ބަޔަކު ކާއެތިކޮޅު ހޯދަން ދާހެން ދައްކާ ބައެއް ގޭމްތަކުގައި ފެންނަ ގޮތަށް ގާޒާގެ ރައްޔިތުންނަށް އަހުވަ ޖައްސަމުން އިޒްރޭލުން ގެންދިޔައީ ދުނިޔެއަށް އޮޅުވާލުމުގެ ޖަރީމާތައް ހިންގަމުންނެވެ.
ޖީއެޗްއެފް ބުނާ ގޮތުން އެމީހުން ހިންގަމުން ގެންދިޔަ ސައިޓުތައް ހުއްޓާލަން ނިންމީ، އިޒްރޭލާއި ހަމާސް ސުލަހްވެފައި ވުމާއި ކާބޯތަކެތީގެ ކަންކަމުގައި އދ ގެ އިދާރާތަކުން ހަވާލުވެފައި ވުމުނެވެ.
ގާޒާ ހަނގުރާމަ ފެށުނު ފަހުން ގާޒާއަށް ކާބޯތަކެތި ފޯރުކޮށްދެމުން ގެންދިޔައީ އދ ގެ އަންރުވާ އިންނެވެ. ނަމަވެސް އިޒްރޭލުން ގަސްދުގައި އަންރުވާގެ ގާފިލާތަކަށް ހަމަލާ ދިނުމާއި ގާޒާއަށް ކާބޯތަކެތި ވެއްދުމަށް ހުރަސް އެޅުމުގެ ސަބަބުން، އަންރުވާގެ މަސައްކަތްތައް ހުއްޓުމަކަށް އައެވެ. އެވަގުތު ޖީއެޗްޕީ ގެ ނަމުން ނަންދީގެން އެމެރިކާ އާއި އިޒްރޭލުން މި ގޭންގު އުފައްދާ، އެމީހުން މެދުވެރިކޮށް އަންރުވާގެ އެހީ ބެހުމަށް ޕްރެޝަރު ކުރިމަތި ކުރިއެވެ. ނަމަވެސް އދ އިން އެކަމަށް އެއްބަސް ނުވެ ބުނީ، އެއީ ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށާއި އެއީ ރައްކާތެރި ގޮތެއްވެސް ނޫން ކަމަށެވެ.
ޖީއެޗްއެފް ގެ މަސައްކަތް ހުއްޓާލަން ނިންމުމާއެކު އެމެރިކާގެ ސްޓޭޓްޑިޕާޓުމަންޓުގެ ތަރުޖަމާން ޓޮމީ ޕިގޮޓް ވިދާޅުވީ، ޖީއެޗްއެފް ހިންގި މޮޑެލް އަކީ ނަމޫނާ މޮޑެލް އެއް ކަމަށާއި އެ މޮޑެލްގެ ސަބަބުން، ކާބޯކަތި ލޫޓުވާން ހަމާސް އަށް ފުރުސަތު ގެއްލިގެން ދިޔަ ކަމަށާއި އަދި ސުލްހައިގެ މޭޒުދޮށަށް އަންނަން މަޖުބޫރު ވި ކަމަށެވެ.
ހަމާސް އިން ވަނީ، މި ތުހުމަތުތައް ދޮގުކޮށް ޖީއެޗްއެފް ގެ ކޭޕްމްތައް ބަންދު ކުރާތީ އުފާކުރާ ކަމަށް ބުނެފައެވެ.
ޖީއެޗްއެފް އިން ބުނާގޮތުން އެމީހުން ހިދުމަތް ދިން ހައެއްކަ މަސްދުވަހުގެ ތެރޭގައި ޖުމްލަ 187 މިލިއަން މީލް ނުވަތަ (ކާތަކެތި ހުންނަ ޕާރުސަލް) ގާޒާގެ ރައްޔިތުންނަށް ބަހާފައި ވެއެވެ.
އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ހިސާބުތައް ދައްކާގޮތުން، ކާބޯތެކަތި ހޯދަން ޖީއެޗްއެފް ގެ ކޭމްޕްތަކަށް ގޮސް އުޅުނު މީހުންގެ ތެރެއިން ޖުމްލަ 859 މީހަކު ޝަހީދު ކޮށްލާފައި ވެއެވެ. އަދި އދ ގެ އިދާރާތަކުން ހިންގާ އެކިއެކި ސައިޓުތަކާއި އެހީގެ ގާފިލާތަކަށް ހަމަލާ ދީ ޖުމްލަ 514 މީހަކު ޝަހީދު ކޮށްލާފައި ވެއެވެ.
