ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލި، އެކަމުގައި ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭ ގޮތަށް މުޅި މަޖިލީހުގެ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
ގޮނޑިގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ކުރަން، އަލުން އިސްލާހު ކުރަން ހުށަހެޅީ މި މަހުގެ 16 ވަނަ ދުވަހު ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ.
މި އިސްލާހަކީ މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމުގެ އިޖުރާއަތްތައް ކަނޑައެޅުމުގެ ބޭނުމުގައި ކަމަށް ބަޔާންކޮށް، ގާނޫނުއަސާސީ އަށް ހުށަހަޅާ އިސްލާހެކެވެ. އެގޮތުން ސުޖާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ އާންމު ވޯޓުގައި މެންބަރުކަމުން ވަކިކުރަން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެންބަރަކު މަޖިލީހުގައި ދެމިހުންނަވާނެ ކަމަށެވެ.
އެ ބިލު ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ ބުދަ ދުވަހުއެވެ. އެގޮތުން މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ރޯލް ކޯލް ވޯޓު ނަގަން ޖެހޭ ކަމަށް ބަޔާން ކުރާ މާއްދާ ބިލުން އުނިކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ (އައިބީ) އެވެ. ޕީއެންސީގެ 50 މެންބަރުންގެ ތާއީދު ލިބުނު ނަމަވެސް އެމްޑީޕީގެ 8 މެންބަރުން ވަނީ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭ ގޮތަށް މަޖިލީހުގެ ކޮމެޓީން ފާސް ކުރިއިރު، ހަމަ މިފަދަ އިސްލާހެއް މީގެ ކުރިން އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކުވެސް މަޖިލީހަށް ހުށަހެޅެއްވިއެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އޭރު ހުށަހެޅުއްވި އެ އިސްލާހު އޮތީ މަޖިލީހުން ބޭރުކޮށްލާފައެވެ.
ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ މެންބަރަކު ޕާޓީން ވަކި ކުރުމުން އަދި ވަކިވުމުން ގޮނޑި ގެއްލޭ އިސްލާހު ފާސްކޮށްފައި އޮތުމުން އެ މައްސަލަ ސްޕްރީމް ކޯޓަށް ވެސް ވަނީ ހުށަހަޅާފައެވެ. މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި 6 ވަނަ އިސްލާހު ބާތިލް ކަމަށް ކަނޑައަޅައި ދޭން ކޯޓަށް ވަޑައިގަތީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިންއެވެ. ނަމަވެސް އެ މައްސަލައަށް ގޮތެއް ނުނިމި އެ ކޯޓުގައި ވަނީ ތާށިވެފައެވެ.
