ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތައް މި ސަރުކާރަށް ދެ އަހަރު ދުވަސް ވީ އިރު ވެސް ހަމައަކަށް ނޭޅުވި އޮތީ ކުރިން ވެފައިވާ އިހުމާލުގެ ބޮޑު ކަމުން ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުހެ އެންވާރަމަންޓް ކޮމިޓީ އިން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ނަޖާހް ވިދާޅުވީ، ފެނަކައަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކޯޕަރޭޝަނަށް ބައެއް ހިދުމަތްތަކާއި ތަކެތި ފޯރުކޮށްދިން ފަރާތްތަކުގެ ލިޔެކިއުން ފުރިހަމަކޮށްފައި ނެތުން ކަމަށެވެ. ކުރީގެ ސަރުކާރުން ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ އެއްވެސް ޑޮކިއުމެންޓެއް ނެތް ކަމަށާއި ފޭކް އެއްޗެހި ގެނައީ ކޮންބައެއްތޯ ބެލުން ފަދަ މަސައްކަތް ކުރުމަށް ހުރަސްތަކާ ކުރިމަތިވެފަިއވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން ފެނަކަ ހިންގުމުގައި ވެފައިވާ އިހުމާލުތައް ބޮޑު ކަމަށާއި އެކަމުގެ ސަބަބުން މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނި ހަމައަކަށް ނޭޅުވިފައި ވަނީ އެ ސަބަބަާ ހުރެ ކަމަށް ނަޖާހު ވިދާޅުވިއެވެ. ފެނަކައަކީ ފައިސާ ލިބޭ ކުންފުންޏެއް ކަމަށާއި މާ ބޮޑު ފައިދާއެއް ހޯދަން މަސައްކަތް ކުރާ ކުންފުންޏަކަށް ފެނަކަ ނުވި ނަމަވެސް ހިދުމަތް ދިނުމުގައި ބުރޫ ނާރާވަރަށް ކުންފުންޏަށް ފައިސާ ލިބޭ ކަމަށް ނަޖާހު ވިދާޅުވިއެވެ.

ފެނަކައަށް ދިމާވާ ދަތިތައް ހިއްސާ ކުރައްވަމުން ނަޖާހު ވިދާޅުވީ ކުރިން ހިދުމަތް ދިނުމަށް ގެނެސްފަިއވާ ބައެއް ތަކެތީގެ ފެންވަރު ދަށްކަމުން ގެއްލުން ވާ ކަމަށް ނަޖާހު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އައްޑޫގައި ބަހައްޓާފައިވާ ޖަނަރޭޓަރުތައް ހަލާކުވުން ފާހަގަކުރައްވަމުން ނަޖާހު ވިދާޅުވީ، މި ސަރުކާރުން އެޅުވި ޖަނަރޭޓަރު ހަލާކު ނުވާ ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން އެޅުވި ޖަނަރޭޓަރުގެ މައްސޒލަަ ދިމާވެ އަބަދު މަރާމާތުކުރަން ޖެހުނު ކަމަށެވެ.

މިހާރު ފެނަކައިގެ ހިނގުމުގެ މަސައްކަތް ކުރަމުން އަން ަގޮތުގެ ތަފްީލު ދެއްވަމުން ނަޖާހު ވިދާޅުވީ، ފެނަކައިގެ ހަަރަދުކުޑަކުރަން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެ ކުންފުންޏަށް ހިދުމަތާއި ތަކެތި ހޯދުމުގައި މިހާރު ބަލަނީ މާކެޓް ރޭޓަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ފެނަކައަށް މުވައްޒަފުން އިތުރަށް ނަގާ ތަން ފެނިދާނެ ކަމަށާއި އެއީ އެކިއެކި މަޝްރޫއުތަކަށް ހާއްސަކޮށް ކޮންޓްރެކްޓް އުސޫލުން ނަގާ މުވައްޒަފުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.