ގޭތެރޭގައި މަންމަ ކުރަމުން އަންނަ މަސައްކަތެއްގެ ތެރެއިން ދަރިންގެ ކިބައިގައި އެކަމުގެ އާދައާއި ޝައުގު އިތުރުވެ، ގުޅުންހުރި ދާއިރާއަކުން ހުނަރުވެރިޔަކަށް ވުމުގެ ފުރުސަތު ފަހިވެގެންދާ ކަމުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ސްޓެލްކޯއިން ކުރިއަށް ގެންދިޔަ ''ބިގިނާސް އިލެކްޓްރީޝަން ކޯސް ފޯ ވިމެން'' ގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ބިގިނާސް އިލެކްޓްރީޝަން ކޯސް ފޯ ވިމެން ކޯހަކީ ގޭތެރޭގައި ހައްލުކުރަން ޖެހޭ ކަރަންޓުގެ މައްސަލަތައް ގޭތެރެއިން ހައްލުކުރެވޭނެ މަގުފަހިކޮށްދިނުމަށް އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކޯހެކެވެ. އެކަމަށް އިޝާރާތްކުރައްވާ ސާޖިދާ ވިދާޅުވީ އިޖުތިމާއީ އަދި ރަސްމީ ހިދުމަތުގެ އިތުރަށް އަންހެނުންނަކީ ގޭތެރޭގެ ވަރަށް ބޮޑު، ވަރަށް ބުރަ ޒިންމާތަކެއް އުފުލާބައެއް ކަމަށެވެ. އެހެންކަމުން އަންހެނުންނަށް މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެކަމުގެ ޔަގީންކަން އެކަމަނާ ދެއްވިއެވެ.

މިއީ އަސާސީ ފެންވަރުގެ ކޯހެއް ނަމަވެސް އަންހެނުންނަށް އިލްމާއި ހުނަރާއި ތަމްރީން މިކޯހުން ލިބޭތީ މިއީ ވަރަށްބޮޑު ހެޔޮބަދަލެއްގެ ފެށުމެއް ކަމުގައި ސާޖިދާ ފާހަގަކުރެއްވެވިއެވެ. ގޭތެރޭގައި މަންމަ އަބަދުކުރަމުން އަންނަ މަސައްކަތެއް ގޭތެރެއިން ދިރިގެން އައުމަކީ ވަރަށް ގިނައިން ވާކަމެއް ކަމަށާއި މި ކޯހުގެ ސަބަބުން މުޖުތަމައަށާއި އަންހެނުންގެ ހުނަރާއި ކެރުމާއި އުފެއްދުންތެރިކަމަށް ކުރިއެރުންތަކެއް އަންނާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ ކޮންމެ ދާއިރާއެއްގެ ހިދުމަތެއްގައިވެސް އެ ދާއިރާއަކާބެހޭ ގޮތުން ފަށާ ފެންވަރުގެ މައުލޫމާތު ކޮންމެ މީހަކަށް ލިބިފައިވުމުގެ މުހިންމު ކަމަށެވެ. ގޭތެރޭގައި ކަރަންޓް ބޭނުންކުރުމުގައި ރައްކާތެރިކަމާއި ހަރަދު ކުޑަކުރާނެ ގޮތުގެ އިތުރުން އެކަށޭނަ ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މައުލޫމާތު މިކޯހުގެ ބައިވެރިންނަށް އުނގަންނައިދީފައިވާ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯއިން 7 ބުރަކަށް ބަހާލައިގެން ހިންގި ''ބިގިނާސް އިލެކްޓްރީޝަން ކޯސް ފޯ ވިމެން'' ޖުމުލަ 116 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި 81 ބައިވެރިޔަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.