މަގުމަތީގެ ސަލާމަތާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ހާއްސަ ހަރަކާތެއް ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންގޮސްފިއެވެ.

އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އާދިއްތަ ދުވަހު އޮފީސްތަކަށާ، ސްކޫލްތަކަށް ދާ ގަޑިތަކާއި ދިމާކޮށް ފުލުހުން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 07:30 އިން 08:30ގައެވެ. މާލޭގެ ފަސް ސަރަހައްދެއްގައި ފުލުހުން ވަނީ މި ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން މި ހަރަކާތް ފުލުހުން ކުރިއަށް ގެންގޮސްފައިވަނީ ސިނަމާލޭ ބްރިޖާ، ވެލާނާގޭގެ ކައިރި، ދިވެހިރާއްޖޭގެ އަޑު، ސްޓާ ރެސްޓު ސަރަހައްދާއި ކަސްޓަމްސް ބިލްޑިން ކައިރީގައެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ، އާންމުގޮތެއްގައި މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުގެ ކުޑަ ބޮޑުމިނަށް ނުބަލާ ރިކޯޑުކުރަމުންދާ ކަމަށެވެ. އެހެންކަމުން އެވްރެޖްކޮށް އެކްސިޑެންޓުތަކުގެ އަދަދު އިތުރުކަމަށް ދެއްކި ނަމަވެސް ވޭތުވެދިޔަ މުއްދަތުގައި ނުރައްކާތެރި އެކްސިޑެންޓުތައް މަދުކަން ހުސެއިން ސަމީރު ވަނީ ފާހަގަކޮށްފައެވެ.

އާންމު ގޮތެއްގައި އެކްސިޑެންޓުތައް ހިނގުމަށް މެދުވެރިވާ ސަބަބުތައް ހާމަކުރަމުން ހުސެއިން ސަމީރު ވިދާޅުވީ އާންމު ގޮތެއްގައި އެކްސިޑެންޓުތައް ހިނގުމަށް މެދުވެރިވަނީ، ދުއްވަންޖެހޭ ސްޕީޑު ލިމިޓަށްވުރެ ބާރަށް ދުއްވުމާއި، ބަހައްޓަންޖެހޭ ދުރުމިން ދެއުޅަނދުގެ ދެމެދު ނުބަހައްޓާ ދުއްވުން ކަމަށެވެ.