ދޮންބަންޑާރައިންގެ ޖިހާދަށް 3 ގަރުނުވާން ކައިރިވެފައިވާއިރުވެސް އެ ޖިހާދުގެ ހަނދާންތައް މި ފަސްގަނޑުގައި ދިރިދިރި ހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ގައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރުގަދަ ގައުމީ ޖިހާދަށް މިއަދަށް 281 އަހަރުވެފައިވާކަން ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.
ދޮންބަންޑާރައިންގެ ހިކުމަތާއި ހުޝިޔާރުކަމާއި މި ވަތަންގެ މައްޗަށް އޮތް ކުލުނު ހާމަވި ތާރީހީ ހާދިސާއަށް 3 ގަރުނު ވާން ކައިރިވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި އަދިވެސް ދިރިދިރިވާ ކަމަށެވެ.
އެމަނިކުފާނު ވަނީ ހުރަވީ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާ، މިނިވަންކަމާއި ފާގަތިކަމުގައި ދިވެހިރާއްޖެ އަބަދުމެ ލެހެއްޓެވުން އެދި ދުއާ ދަންނަވާފައެވެ.
ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ ހިޖުރީ އަހަރެއްގެ ޖުމާދަލްއާހިރާ މަހުގެ 3 ވަނަ ދުވަހެވެ. މިއީ ހޮޅީންގެ އަތްތަދަށުން އަލްސުލްތާނުލްޣާޒީ ހަސަން އިއްޒުއްދީން (ދޮންބަންޑާރައިން) ދިވެހިރާއްޖެ މިނިވަންކުރެއްވި ދުވަހެވެ.
