"އަމީނިއްޔާ"ގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި "އަމީނިއްޔާ"ގެ ނަމުގައި، ކަސްޓަމްސްގައި އޯޑަރެއް ހިފަހައްޓާފައިވާ ކަމަށް ބުނެ، ލިންކެއް ފޮނުވާފައިވެއެވެ. އަދި ޕޯސްޓަށް ފައިސާ ދެއްކުމުން ނޫނީ އޯޑަރު ކަސްޓަމަރުގެ އަތަށް ނާރާނެކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބުނީ، "އަމީނިއްޔާ"އާއި އެހެނިހެން ނަންނަމުގައި މިފަދަ މެސެޖުތައް ލިބެމުން އަންނަކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މެސެޖުގައިވާ ލިންކަށް ފިތާލުމުން ބޭންކު ކާޑުގެ މައުލޫމާތު 'ވަގުން'ނަށް ލިބޭނެކަމަށް އެ ސެންޓަރުންވަނީ ބުނެފައެވެ. ފުލުހުން ވަނީ މި މެސެޖުގައިވާ ލިންކަށް ފިތާނުލުމަށާ، މެސެޖު ލިބުމާއެކު، ވަގުތުން ސްޕޭމްގެ ގޮތުގައި ރިޕޯޓުކޮށް ޑިލީޓްކުރުމަށް އެދިފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ސްކޭމްކޮށް މީހުން އަތުން ފޭރޭ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިފަދަ ގިނަ މައްސަލަތަކުގައި ގެއްލޭ ފައިސާ އަބުރާ ހޯދުމަށް ގިނަ ގޮންޖެހުންތަކެއް ދިމާވަމުން އަންނައިރު އިއްޔެ ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ މަހު 1.29 މިލިއަން ރުފިޔާ ސްކޭމްތަކުގައި ގެއްލިފައިވެއެވެ. އަދިގެއްލުނު ފައިސާގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 477،263 ރުފިޔާއެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ހޭލުންތެރިކުރުމުގެ އެކި ހަރަކާތްތައް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ކުރިއަށް ގެންދާއިރު މިފަދަ މެސެޖުތަކުގައިވާ ލިންކުތަކަށް ނުފިތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
