ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި، 31 ކާޓަން ސިނގިރޭޓު ގެއްލިފައިވާއިރު، ރައްޔިތުން އެ މުއައްސަސާއަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް ފުލަހަކަށް ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ، ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓް ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެތެރެއިން 6 ކާޓަން ސިނގިރޭޓް މަދުވެފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި އިތުރު 25 ކާޓްނަ ސިނގިރޭޓް ވެސް މަދުވެފައިވާ ކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ މައްސަލަތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، ދެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަމުން އަންނަ ކަމަށެވެ. އަދި އެ މުއައްސަސާގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާ ހިލާފު އެފަދަ ކޮންމެ ކަމަކީ ތަހުގީގު ކުރުމަށް ފަހުގައި، ގާނޫނީ ފިޔަވަޅު އަޅާނެ ކަންކަން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް ފުލުހުން ބުނީ އެ ކަމަކީ ފުލުހުންގެ ފަރާތުން ފެންނަން ޖެހޭ އަހުލާގާއި މަސައްކަތުގެ ރޫހާ ހިލާފު ކަންކަމުގެ ގޮތުގައެވެ. އަދި އެ މުއައްސަސާގެ ހިދުމަތްތައް ބައްޓަން ކުރަމުން ދަނީ، ހުރިހާ ފުލުހުންނަކީ ނަޒާހަތްތެރިކަން ހިފަހައްޓައި، ސާބިތުކަމާ އެކީ ދެމިތިބެ އިހުލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމުގެ އަމާޒުގައިކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
