މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުން އިސްލާމީ ހުދޫދުން ބޭރުނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެ ކަމެއް ކަމަށެވެ.އެގޮތުން މުސްލިމުންގެ ސަގާފަތާއި ހިލާފުކަންކަމާ ދިވެހިން ދުރުވާންޖެހޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށްވުމަކީ މިގައުމަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް ކަމަށެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ އޮލިމްޕަހުގައި ރޭ ބޭއްވި "ލިލީ" ފްލިމްގެ ޕްރިމިއާ ނައިޓުގައި ފިރިހެނަކު އަންހެން ހެދުމެއް އަޅައިގެން ދިއުމާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
