މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (މިފްސާ) ގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ގެ މަގާމަށް، މެލޭޝިއާގެ ތަޖުރިބާކާރެއްކަމަށްވާ ދާތޯ އިސްކަންދަރު މުހައްމަދު ނޫލީ އައްޔަންކޮށްފިއެވެ.
މިފްސާއަކީ، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ) ތަރައްގީކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދަވާފައިވާ އިދާރާއެކެވެ. މިފަދަ އިދާރާއެއް ސަރުކާރުން ގާއިމްކުރީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިންގް ހިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިންގް ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށެވެ.
އެ އިދާރާގެ ސީއީއޯއަކަށް އިއްޔެ އައްޔަންކުރި ދާތޯއަކީ މާލީ ހިދުމަތްތަކުގެ ދާއިރާއިން 30 އަހަރަށް ވުރެ ދިގު ތަޖުރިބާއެއް ލިބިފައިވާ ބޭފުޅެކެވެ. 1990 ވަނަ އަހަރު ބޭންކް ނެގާރާ މެލޭޝިއާގައި ވަޒީފާ އަދާ ކުރަން ފެށި ދާތޯ ވަނީ 1996 ވަނަ އަހަރު ލަބުއާން ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (ލަބުއާން އެފްއެސްއޭ) އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައެވެ.
އޭނާއަކީ ތައުލީމީ ދާއިރާއިން ވެސް ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ފަރާތެކެވެ. އެގޮތުން ގާނޫނީ ވަކީލެއްގެ ގޮތުގައި ދާތޯ އިސްކަންދަރު، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ބެޗްލަ އޮފް ލޯސް (އޮނާސް) ހާސިލްކުރައްވުމުގެ އިތުރުން މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް ވެސް ވަނީ ހާސިލް ކުރައްވާފައެވެ.
މިއަހަރުގެ ކުރީކޮޅު، ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ފެށި އެމްއައިއެފްސީ އަކީ، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދިވެހިރާއްޖޭގެ އިގްތިސާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމަށްޓަކައި 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ ތާރީހީ މަޝްރޫއެކެވެ.
މުޅިން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ފަރުމާކޮށްފައިވާ ފައިނޭންޝަލް ފްރީޒޯނެއްގެ ގޮތުގައި ފަރުމާކުރެވޭ އެމްއައިއެފްސީގެ މަގްސަދަކީ ދުނިޔޭގެ މާލީ އިދާރާތަކާއި، ފިންޓެކްގެ ދާއިރާއިން އީޖާދީ މަސައްކަތްކުރާ ފަރާތްތަކާއި، ވިޔަފާރިވެރިންނާއި، އަދި ޑިޖިޓަލް ދާއިރާގެ ހުނަރުވެރިން ރާއްޖެއަށް ގެނައުމެވެ.
