'މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ' ގެ ނަމުގައި އާ އިދާރާ އެއް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

ބައިނަލްއަގުވާމީ މާލީ ސެންޓަރެއް ގާއިމްކުރަން ސަރުކާރުން ނިންމެވިކަން ރައީސް އެންމެ ފުރަތަމަ ހާމަކުރެއްވީ މި މަހުގެ ހަތަރުވަނަ ދުވަހު، ވެލާނާ އެއާޕޯޓު ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި އާ އިދާރާއެއް އުފައްދަވާފައި ވަނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާ އިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ. އެ މާއްދާ އިން ލިބިދޭ ބާރުގެ ދަށުން، ރައީސް ވަނީ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ހިނގަމުން ދާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކަމަށް ކަނޑައަޅުއްވައިފައެވެ.

މިއަދު އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އުފައްދަވާފައި ވަނީ:

  • ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގައި ފާހަގަކޮށްފައިވާ ފައިނޭންސިންގެ ހިިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލުމަށް
  • ރާއްޖޭގައި އޮފްޝޯ / އޮންޝޯ ޑިވެލޮޕްމެންޓް ބޭންކުތަކާއި ބައިނަލްއަގުވާމީ މާލީ މަރުކަޒުތައް ގާއިމްކުރުމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް
  • ރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމްކުރުމަށް
  • ގާނޫނޫ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ހައްލުތައް ހޯދަން ކުރަން ޖެހޭ ދިރާސާތައް ކުރުމަށް

ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ މާލީ ސެންޓަރެއް ގާއިމްވެގެން ދިއުމަކީ ރާއްޖޭގައި ބައިނަލްއަގުވާމީ މާލީ އިދާރާތައް ގާއިމްކުރުމަށްޓަކައި އެޅިގެން ދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ސަރުކާރުން މިކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، މި އަހަރުގެ ކުރީކޮޅު އެމަނިކުފާނު ވިދާޅުވިއެވެ.