މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަންއަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ހަމަޖައްސައިފިއެވެ.

ރައީސް ޑރ. މުއިއްޒު ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭޝަލް ސެންޓަރުތައް ގާއިމުކުރަން ވައުދުވެފައިވާއިރު، މި އިދާރާ އުފައްދަން ނިންމާފައިވާކަން އިއުލާނުކުރެއްވީ މިދިޔަ ޖެނުއަރީ މަހުގައެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިކަމާ ގުޅިގެން ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާ ބަދަލުކޮށްލެއްވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސަސް އޮތޯރިޓީ ވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމުކުރުމުގެ މަގު ފަހިކުރުމުގެ ފުރަތަމަ ފިޔަވަޅަށް ކަމަށެވެ.