ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ފަރުވާ ހޯދަންދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދޭ މައްސަލައެއްގެ ތުހުމަތުގައި އެތަނުގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެންޑީއޭއިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އެންޑީއޭގެ ޕިއާ މެންޓާގެ ވަޒީފާގައި ހުރި މުހައްމަދު ފަސީހު، 51، ފްލޮރިޑާ. ސ. ފޭދޫ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އެންޑީއޭއިން އެ މުއައްސަސާއަށް ހުށަހެޅީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާއިރު ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.