މާލީ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކޯރަސްގެ ފަރާތުން "އައުޓްސްޓޭންޑިން އެޗީވްމަންޓް އޮފް ދަ އިޔާ އިން ފައިނޭންޝަލް އިންކްލޫޝަން"ގެ ޝަރަފުވެރި އެވޯޑު ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އަށް ދީފިއެވެ.

​​​ބީއެމްއެލްއަށް މި އެވޯޑު ދީފައިވަނީ ދުބާއީގައި ބޭއްވި ރީއިންވެންޓް ފޯރަމް 2025 ގައެވެ. މިއީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއާއެކު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭންކިން ހިދުމަތް ގާއިމުކޮށް، މާލީ ބައިވެރިވުން އިތުރުކުރުމަށް ބީއެމްއެލްއިން ކުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް" މަޝްރޫއު ނިންމާލާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ. "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ބީއެމްއެލްއިން ވަނީ 9 މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމް ބަހައްޓައި، ބޭންކިން ހިދުމަތް ގާއިމްކޮށްފައެވެ.

​​​ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ބީއެމްއެލްގެ ހިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އަގުވަޒަންކޮށް، މި އެވޯޑު ލިބުމަކީ ލިބޭ ފަހުރެއް ކަމަށެވެ. މިކަމުގެ ސަބަބުން މި މަޝްރޫއުގެ މުހިންމުކަމާއި ބޭނުންތެރިކަން ހާމަވެގެންދާކަން ޝަރީފް ފާހަގަކުރެއްވިއެވެ.

އަމާޒަކީ ބޭންކުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް އެންމެ ބޭނުންވާ ހިދުމަތެއް ފޯރުކޮށްދިނުން
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސާވިސް ބޭންކިން ސެންޓަރު، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

​​​ކޯރަސް އަކީ މާލީ ދާއިރާގައި ދުނިޔޭގެ އިތުބާރު ހޯދާފައިވާ ދުނިޔޭގެ 120 އަށް ވުރެ ގިނަ ގައުމެއްގެ 1200 މާލީ އިދާރާގެ ފުރިހަމަ ތާއީދު ލިބިފައިވާ ބްރޭންޑެކެވެ.​​​