ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކޮށްދޭ އޮފީހެއް (އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް) އަންނަ އަހަރު ރާއްޖޭގައި އުފައްދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ޓްރޭޑްމާކުބިލް ގާނޫނަކަށް ވުމާއެކު، ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މަސައްކަތް ކުރަމުންދަނީ ވޯލްޑް އިންޓަލެކްޓުއަލް ޕްރޮޕަޓީގެ އެކްސްޕާޓުންގެ އެހީގައިކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރު ރާއްޖޭގައި އަލަށް ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކޮށްދޭ އޮފީހެއް އުފައްދާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ކޮޕީރައިޓް ގާނޫނަށް ޒަމާނާ ގުޅޭ އަދި އުފެއްދުންތެރީންނާއި ފަންނުވެރީންގެ ބުރަ މަސައްކަތާއި ހައްގުތައް ހިމާޔަތްކޮށްދޭނެ ބޮޑެތި އިސްލާހުތަކެއް ގެނެސްދީފައިވާނެ ކަމަށެވެ.
މީގެއިތުރުން ބާން ކޮންވެންޝަނުގައި ދިވެހިރާއްޖެއިން މިހާރު ބައިވެރިވެފައިވާ ކަމަށާއި މިއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރެވުނު މުހިންމު ގިނަ މަސައްކަތްތަކެއްކަން ސައީދު ފާހަގަކުރެއްވިއެވެ.
ކްރިއޭޓިވް އިންޑަސްޓްރީއެއް ރާއްޖޭގައި ގާއިމުކޮށް، އެ އިންޑަސްޓްރީ ކުރިއަށް ގެންގޮސްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ސައީދު ވިދާޅުވީ މިއަދު ފެންނަމުންދަނީ އެ ވައުދުފުޅު ފުއްދެވުމުގައި އަމަލީގޮތުން ނަތީޖާ ނެރެ، ހަލުވިކަމާއެކު ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަށް ވަޑައިގަންނަވާ އުންމީދީ މަންޒަރު ކަމަށެވެ.
