ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ވެރިކަން ކުރާ ޕީއެންސީން ގެނައި އިސްލާހު އަލުން ބަދަލުކޮށް، އެ ފަދަ ހާލަތުގައި ގޮނޑި ގެއްލޭނީ ރައްޔިތުންގެ މެދުގައި ފެންނަނުފެންނަ ވޯޓެއް ނަގައިގެން ކަމަށް ކަނޑައަޅަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގަނެ އެ ބިލު ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

ގޮނޑިގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ކުރަން، އަލުން އިސްލާހު ކުރަން ހުށަހެޅީ މި މަހުގެ 16 ވަނަ ދުވަހު ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ.

މި އިސްލާހަކީ މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމުގެ އިޖުރާއަތްތައް ކަނޑައެޅުމުގެ ބޭނުމުގައި ކަމަށް ބަޔާންކޮށް، ގާނޫނުއަސާސީ އަށް ހުށަހަޅާ އިސްލާހެކެވެ. ސުޖާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ އާންމު ވޯޓުގައި މެންބަރުކަމުން ވަކިކުރަން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެންބަރަކު މަޖިލީހުގައި ދެމިހުންނަވާނެ ކަމަށެވެ.

އޭރު އެ މެންބަރު ހުންނަނަވާނީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ، މިނިވަން މެންބަރެއްގެ ގޮތުގައި ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ. އެހެންނަމަވެސް މަޖިލީހުގެ އެ ދައުރުގެ ތެރޭގައި އެ މެންބަރަކު ސިޔާސީ ޕާޓީގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެންބަރުކަމުން ވަކިވާނެ ކަމަށް ވެސް މި އިސްލާހުގައި ވެއެވެ.

ސަރުކާރުގެ ހިންގާ ޕާޓީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ގާނޫނު އަސާސީއަށް ގެނައި އިސްލާހުގައިވާ ގޮތުން ހަތަރު ހާލަތެއްގައި މެންބަރުންގެ ގޮނޑި ގެއްލޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން
  • މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން
  • މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ އެ މެމްބަރު ޕާޓީން ވަކިކުރުން
  • އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން

ޝުޖާއު މި އިސްލާހު ހުށަހެޅުއްވި އިރު، ހަމަ މިފަދަ އިސްލާހެއް މީގެ ކުރިން އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކުވެސް މަޖިލީހަށް ހުށަހެޅެއްވިއެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އޭރު ހުށަހެޅުއްވި އެ އިސްލާހު އޮތީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ މެންބަރަކު ޕާޓީން ވަކި ކުރުމުން އަދި ވަކިވުމުން ގޮނޑި ގެއްލޭ އިސްލާހު ފާސްކޮށްފައި އޮތުމުން އެ މައްސަލަ ސްޕްރީމް ކޯޓަށް ވެސް ވަނީ ހުށަހަޅާފައެވެ. މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި 6 ވަނަ އިސްލާހު ބާތިލް ކަމަށް ކަނޑައަޅައި ދޭން ކޯޓަށް ވަޑައިގަތީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިންއެވެ. ނަމަވެސް އެ މައްސަލައަށް ގޮތެއް ނުނިމި އެ ކޯޓުގައި ވަނީ ތާށިވެފައެވެ.