މިވަގުތު ފުވައްމުލައް ސިޓީއަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރަމުންދާ ފެނަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) މިންގަނޑުތަކަށް ފެތޭ ފެނެއް ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

ފުވައްމުލައް ސިޓީއަށް ފޯރުކޮށްދެމުންދާ މުނިސިޕަލް ފެނުގެ މައްސަލަ ދިމާވެފައި ވަނީ ފެނަކައިން އުފައްދަމުންދާ ފެނުގައި ތަޣައްޔަރު ކަމެއް ހުރުމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށް މުޅި ޕްލާންޓް ފްލަޝްކޮށް، ޕްލާންޓް ސާފުކުރުމުގެ މަސައްކަތަށް ފެނުގެ ހިދުމަތް ވަނީ މި މަހުގެ 10 ވަނަ ދުވަހު މެދުކަނޑާލާފައެވެ.

ފެން އެއްކޮށް ކަނޑާލިތާ ދެ ދުވަސް ފަހުން އަލުން ފެނުގެ ހިދުމަތް ދޭން ފެށި ނަމަވެސް ދޫކުރަމުންދާ ފެނުގައި ވެސް ކިލަނބުކަމެއް ހުންނަ ކަމަށް ބުނެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެއާއެކު އެ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތަކުން ވަނީ ކޮށްފައެވެ.

އެގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ތަހުލީލިތައް ހެދުމަށްފަހު މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރަމުންދާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގާ ތަހުލީލުކޮށްފައިވާ ކަމަށާއި މި ތަހުލީލުތަކުގެ ނަތީޖާ ދައްކާގޮތުން އެ ފެނަކީ ސިއްހަތާ ބެހޭ ޖަމްއިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށެވެ.

ނަމަވެސް އެ ތަހުލީލިތަކުގެ ނަތީޖާ އެ ރަށު ކައުންސިލާ ހިއްސާކޮށްފައި ނުވާ ކަމަށް ބުނެ އެ ކައުންސިލުން އިއްޔެ ވަނީ ރައްޔިތުން ބޭނުން ކުރުމަށް ދޫކުރާ ފެނަކީ ރައްކާތެރި ފެނެއްކަން ޔަގީންކުރަން ހަދަންޖެހޭ ޓެސްޓުތައް މިނިވަން މުސްތަގިއްލު ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

"ރައްކާތެރި ބޯފެނުގެ ހިދުމަތް ފޯރުކޮށްދެވޭނެކަން ކަށަވަރުކުރުމަކީ ކައުންސިލްގެ ވެސް ޒިންމާއަކަށްވީ ހިނދު ފެނަކައިން ފުވައްމުލަކުގެ ރައްޔިތުން ބުއިމަށް ދޫކުރާ ފެނަކީ ރައްކާތެރި ފެންކަން ޔަގީންކުރުމަށް ހަދަންޖެހޭ ޓެސްޓުތައް މިނިވަން މުސްތަގިއްލު ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދިޔުމަށާއި، އަދި މި ޓެސްޓުތައް ގަވާއިދުން މެދުނުކެނޑި ހެދުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކައުންސިލުން ވަނީ ނިންމާފައި،" އިއްޔެ އެ ސިޓީގެ ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.

އަދި ހަމަ އެހެންމެ ފެނަކައިން ފުވައްމުލަކަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުނުވާތީ ފެން ބޭނުން ކުރުމުގައި ރައްކާތެރިވުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވާއިރު އެ ސިޓީއަށް ދޫކުރާ ފެނަކީ ބޭނުން ކުރަން ރައްކާތެރި ފެންކަން ޔަގީންކޮށްދިނުމަށާއި ފެން ފޯރުކޮށްދިނުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޝަރީއަތަށް މައްސަލައެއް ހުށަހަޅަން ވެސް ކައުންސިލުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލައާއި ގުޅިގެން މިއަދު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، މިވަގުތު ފުވައްމުލައް ސިޓީއަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރަމުންދާ ފެނަކީ އެ އޮތޯރިޓީގެ ސްޕަލައި ވޯޓާ މިންގަނޑުތަކަށް ފެތޭ ފެނެއް ކަމަށެވެ. ނަމަވެސް އެކެމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެ އޮތޯރިޓީން ހިއްސާކޮށްފައި ނުވެއެވެ.

ފެނުގެ މި މައްސަލަ ކުރިމަތި ވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިންނާ ފުލުހުން އަންނަނީ ކުރަމުންނެވެ. ފުވައްމުލަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޯފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފުޅީގައި ފެން ބަންދުކުރުމަށް ކައުންސިލުން ކުރިއަށްގެންދާ ޕްރޮޖެކްޓްގެ މަސައްކަތް އަވަސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.