ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ބުނީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެލާނާ އެއާޕޯޓުން އަތުލައިގެންފައިވާ ކަމަށެވެ. އެއީ ތިން ދުވަސް މަތިން އަތުލައިގެންފައިވާ މަސްތުވާތަކެތި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އެގޮތުން އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތްތަކަކީ:
- 23 މާޗް - 478.18 ގްރާމް ކޮކެއިން
- 24 މާޗް - 535.52 ގްރާމް ކޮކެއިން
- 31 މާޗް - 1150 ގްރާމް ހަޝިޝް އޮއިލް
އެ ތަކެތީގެ މަގުމަތީ އަގު 3 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ވަކި އަދަދަކަށް ވުރެ ގިނައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.
