މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފްލެޓާއި ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު، އަންނަ ޖެނުއަރީ 4 އިން ފެށިގެން މާޗު 3 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެކަމަށެވެ.
އެ މަޝްރޫއުގެ އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. މިނިސްޓްރީން ބުނި ގޮތުގައި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލު ނުވަތަ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުން ކުރެ ކޮންމެވެސް އެއް ބަޔަކަށް ކަމަށެވެ.
ބިން ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 7000 ގޯތި އަދި މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 1000 ގޯތީގެ އިތުރުން ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2000 ގޯތު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 300 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމްވެފައިވާ ފަރާތްތައްކަށް 500 ގޯތީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1500 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު" ގެ ދަށުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާ، މާލޭ މީހުންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެއެވެ. ސަރުކާރުން ކަނޑައަޅާފައި ވަނީ އެ މަޝްރޫއުގެ ދަށުން 7،500 ފްލެޓް ދޫކުރުމަށެވެ.
