ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ އުސޫލު އާންމުކޮށްފިއެވެ.

ދިވެހި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ގްރޭޓާ މާލެ ސަރަހައްދުންނާއި އަލަށް ތަރައްގީކުރާ ރަސްމާލެއިން ޖުމްލަ 7500 ހައުސިން ޔުނިޓާއި 15000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު މިއީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެއް ވައުދު ކަމުގައިވާ 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތު ކަމުގައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބޭއްވި ހަފްލާގައި މިނިސްޓަރު ވިދާޅުވެފައިވަނީ މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ކޮންމެ އާއިލާއަކީވެސް އަބުރުވެރި ކަމާއެކީ ދިރިއުޅެވޭނެ އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިވާ އާއިލާއަކަށް ހެދުން ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ދެ ސްކީމެއް ތައާރަފުކޮށްފައިވާއިރު އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ ސްކީމާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށްޓަކައި ބިން ދިނުމުގެ ސްކީމެވެ. މި ދެ ސްކީމަށްވެސް މާލޭގެ ރަށްވެހިންނަށާއި މާލެ ސަރަހައްދުގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ކުރިމަތިލެވޭނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން ދެ މޮޑެލްއެއް ވެސް ވަނީ ތައާރަފް ކޮށްފައެވެ. އެއީ އެފޯޑަބަލް ހޯމް އޯނާޝިޕް މޮޑެލް އާއި ރެންޓް-ޓު-އޯން މޮޑެލްއެވެ. މި ދެ މޮޑެލްއަކީވެސް ގެދޮރު މިލްކުކުރެވޭ މޮޑެލްތަކެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުގެ ގެ ދަށުން ހައުސިން ޔުނިޓަށް އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލުގެ ގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށް ޖަނަވަރީ 04، 2026 އިން ފެށިގެން މާޗް 03، 2026 ގެ ނިޔަލަށް ޕޯޓަލް މެދުވެރިކޮށް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.