ފަގީރު ކަމުގައި ދަތި ހާލުގައި ބޯހިޔާވަހިކަމެއް ނެތި އުޅޭ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި މިއީ އެއްވެސް އާއިލާއެއް ބާކީ ނުކުރާނެ ކަމުގެ ވައުދު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ، މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް - އާއިލީ ބޯހިޔާވަހިކަން" މި ސިޔާސަތު އިފްތިތާހް ކުރުމަށް މިރޭ ދަރުމަވަންތަ ހޮސްޕިޓަލް ބިލްޑިންގެ، އުޑުވިލާ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މުއްތަލިބް ވިދާޅުވީ، ކޮންމެ އިންސާނަކަށް އެމީހެއްގެ އަމިއްލަ ގެއަކަށް ކުރާ އުންމީދަކީ ދޫކޮށް ނުލެވޭނެ އުންމީދެއް ކަމަށެވެ. ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ވެސް ހުވަފެނަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ލިބުން ކަމަށާއި ގަދަރުވެރި ރައްކާތެރި ހަމަޖެހޭ ދިރިއުޅުމެއް ބިނާކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާސިލްކޮށްދެން މަސައްކަތް ކުރަނީ އެތައް ހާސް ރައްޔިތުންނެއްގެ މި ދެންނެވި އުންމީދު ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
ބޯހިޔާވަހިކަން އެންމެންނަށް، މިއީ ހަމައެކަނި ބޭނުން ކޮށްލެވޭ ޝިއާރެއް ނޫން ކަމަށާއި އެއީ އިހްލާސްތެރި ރައީސެއްގެ ވައުދުފުޅު ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެއީ އެއްވެސް އާއިލާއެއް ބާކީ ނުކުރައްވާނެ ކަމުގެ ވައުދު ކަަމަށާއި މިއީ އެއްވެސް މަންމައަކަށް ނޭނގި ހުއްޓާ ކުލި ބޮޑުވި ދިރިއުޅެމުން ދިޔަ ތަނުގައި ނޫޅެވިގެން ތުއްތު ދަރިން ގޮވައިގެން އެހެން ތަނަކަށް ދާން ޖެހުމުގެ ބިރު އޮވެގެން ނުވާނެ ކަމުގެ ހުވަފެން ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އަދި މިއީ އެއްވެސް ޒުވާނަކީ ބޯހިޔާވަހިކަމުގެ ބިރާ ހެދި ކައިވެނި ނުކޮށް ހުންނަން ޖެހޭ ޒުވާނަކަށް ވެގެން ނުވާނެ ކަމުގެ އުންމީދު ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
ދިވެހި ކޮންމެ އާއިލާއަކީ ފޯރުންތެރި އާއިލާއެއް ނުވަތަ ފޯރުންތެރިކަން ކުޑަ އާއިލާއެއް ކަމުގައި ވީ ނަމަވެސް ބޯހިޔާވަހިކަމުގެ ރައްކާތެރިކަން ލިބި ގަދަރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ ފުރުސަތު އޮތް އާއިލާއަކަށް ހެދުމަކީ މި ސަރުކާރުގެ އަމާޒު ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެހެން ކޮންމެ މުޖުތަމައުއެކޭ ވެސް އެއްފަދައިން ދިވެހި މުޖުތަމައުއަކީ އެކި ފަންތި ތަކުގެ މީހުން ދިރިއުޅެމުންދާ މުޖުތަމައުއެއް ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
ބައެއް އާއިލާތަކަކީ ލަކްޒަރީ އެޕާޓްމަންޓް ގަތުމުގެ ގާބިލްކަން މާތްﷲ މިންވަރުކުރައްވާފައިވާ އާއިލާތައް ކަމަށާއި ހަމައެއާއެކު އަނެއްބައި އާއިލާއަކީ ބޭންކް ފައިނޭންސް ތެރެއިން ބޯހިޔާވަހިކަން ހޯދުމުގެ ގާބިލްކަން ލިބިފައިވާ އާއިލާތައް ކަމަށް މުއްތަލިބް ފާހަގަކުރެއްވިއެވެ. އަދި ވަރަށް ގިނަ އާއިލާތަކަކީ މާލީ ހާލަތު ހުރި ގޮތުން ބޭންކް މެދުވެރިކޮށް ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމުގެ ގާބިލްކަން ނެތް އާއިލާތައް ކަމަށް މިނިސްޓަރު ވިދާޅުވވިއެވެ.
ބޯހިޔާވަހިކަން އެންމެންނަށް މި ސިޔާސަތުގެ ދަށުން ފޯރުންތެރިކަން ހުރި ފަރާތްތަކަށް ރިއަލް ސްޓޭޓް މާކެޓްގެ ދަށުން ބޯހިޔާވަހިކަން ހޯދުމުގެ ފުރިސަތު ލިބޭނެ ކަމަށާއި ބޭންކް މެދުވެރިކޮށް މޯގޭޖް ފައިނޭންސް ލިބޭނެ ފަދަ މެދުފަންތީގެ އާމްދަނީ ލިބޭ ފަދަ އާއިލާތަކަށް އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމްގެ ތެރެއިން ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. ފައިނޭންސް ހޯދޭނެ ފަދަ ތަނަވަސްކަން ނެތް އާއިލާތަކަށް ރެންޓް ޓު ހޯމް މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް މަޝްރޫއު ހިންގޭނެ ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ. އެގޮތުން 7500 ހައުސިން ޔުނިތާކީ ރެންޓް ޓު ހޯމް މޮޑެލްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަގީރު ކަމުގައި ދަތި ހާލުގައި ބޯހިޔާވަހިކަމެއް ނެތި އުޅޭ އާއިލާތަކަށް ކަމަާ ގުލޭ އިދާރާތަކުން ހަދާ އެސެސްމަންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށް ދިނުން ވެސް ހިމެނިފައިވާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. މީގެ އިތުރުން ބޯހިޔާވަހިކަން އެންމެނަށް މި ސިޔާސަތުގެ ދަށުން ގޯތި ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށާއި ޖުމްލަ 15000 ގޯތި ދޫކުރުމަށް ހުޅުވާލާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. ރައީސްގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ މައިގަނޑު ދެ އަސާސަކީ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމާއި އެ އާއިލާއަކަށް އަތް ފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯދައި ދިނުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
