ފާއިތުވި ހަތް ދުވަހު މާލެއާއި ސިނަމާލޭ ބްރިޖް އަދި ހައިވޭގައި 54 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން އެ ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުމްލަ 57 އެކްސިޑެންޓް ހިނގާފައިވާއިރު، އޭގެ ތެރެއިން އެއް ދުވަސް މަތިން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
އެދުވަހު 13 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު، 9 ވަނަ ދުވަހު 12 އެކްސިޑެންޓް، އަދި 11 ވަނަ ދުވަހު 3 އެކްސިޑެންޓް، 12 ވަނަ ދުވަހު 10 އެކްސިޑެންޓް، 13 ވަނަ ދުވަހު 8 އެކްސިޑެންޓް، 14 ވަނަ ދުވަހު 4 އެކްސިޑެންޓް އަދި 15 ވަނަ ހުވަހު 4 އެކްސިޑެންޓް ހިނގާފައި ވާކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ.
މި މުއްދަތުގައި އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓްތަކެވެ. އެގޮތުން އެފަދަ 15 އެކްސިޑެންޓެއް ހިނގާފައިވާއިރު، ސައިކަލާއި ސައިކަލާއި ޖެހިގެން 13 އެކްސިޑެންޓް ވަނީ ހިނގާފައެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި މި މުއްދަތުގައި އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ.
އެގޮތުން ދުވާލު 43 އެކްސިޑެންޓް ހިނގާފައިވާއިރު ރޭގަނޑު ހިނގާފައި ވަނީ 11 އެކްސިޑެންޓެކެވެ. އަދި 47 އެކްސިޑެންޓު މާލޭގައި ހިނގާފައިވާއިރު 7 އެކްސިޑެންޓް ހިނގާފައި ވަނީ ބްރިޖާއި ހައިވޭގައެވެ. އަދި މި އެކްސިޑެންޓުތަކުގައި 3 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު 51 މީހަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.
އަދި މި މުއްދަތުގައި ހިނގި އެކްސިޑެންޓް ތަކުން 54 އުޅަނދަކަށް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ.
