މަސްވެރިކަމުގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 49 މަސްވެރިއަކަށް، ބޭންކް އޮފް މޯލްޑިވްސްއިން ލޯނު ދޫކޮށްފައިވާ ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ބޭނުމަކީ މީގެކުރިން މަސްވެރިންނަށް އެއްވެސް ސަރުކާރަކުން އަޅާނުލާ އޮތް އޮތުން ނިމުމަކަށް ގެނައުން ކަމަށެވެ. އެގޮތުން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 49 ފަރާތަަކަށް ލޯނު ދޫކޮށްފައިވާކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ފިޝަރީސް މިނިސްޓްރީ އާއި ބީއެމްއެލް އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މިއަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ލޯނަށް އެދި ހުށަހެޅުމަށް އިކުއިޓީ އަދި ސެކިއުރިޓީ ބޭނުމެއް ނުވާނެއެވެ.
މި އެއްބަސްވުމުގެ ދަށުން، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެ މީހުންގެ އާމްދަނީއަށް ބިނާކޮށް ޕާސަނަލް ފައިނޭންސިން ކްރެޑިޓް ކާޑު ދޫކުރާނެއެވެ. މީގެ ކުރިން، ބީއެމްއެލްއިން ވަނީ މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް އެ ބޭންކުން ހަމަޖައްސައިދޭނެ ކަންވެސް ހާމަކޮށްފައެވެ.
