ގިރާވަރުފަޅު ހިއްކައި އެތަނުން ގޯތި ލިބިފައިވާ މީހުންނަށް ގޯތި ދެއްވާނެ ކަމަށާއި އެ ފަޅު ހިއްކުމަށް ގެންނަ ޑްރެޖަރު މި މަހު 23 ގައި އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މިރޭ ޕީއެންސީ ޖަލްސާގައި ބޯހިޔާވަހިކަމާ ގުލޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދަޅުވީ، މާލޭގެ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށާއި މި މާލޭގެ ރައްޔިތުން އަދި ބައިބޯ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް އެންމެ ދަތި މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމަށް ވީ ވައުދާ ގުލޭ ގޮިތުން ވާހަކަ ދައްކަވަމުން ރައީސް ވަނީ ކުރީ ސަރުކާރުން ދިން ގޯއްޗާއި ފްކެޓްތައް އެ ފަރާތްތަކަށް ދޭނެ ކަމަށް ތަކުރާރުކޮށް މިރޭވެ ސް ވިދާޅުވެފައެވެ.

މިހާރު ހުޅުމާލެ އާއި، ގުޅީފަޅުންނާއި އެކި ފަރާތްތަކަށް ގޯތި ދެވިއްޖެ ކަމަށާއި ގޯތިތައް ދިން ފަރާތްތަކަށް މިވަނީ ގޯތި ހަވާލުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ، އަދި 4000 ފްލެޓް ލިބުނު މީހުންގެ ލިސްޓް ވެސް ބަދަލު ނުކުރާނެ ކަމަށާއި ފްލެޓްގެ އިތުރުން ކުރިއަށް އޮތް ކުޑަދޮސްކޮޅެއްގެ ތެރޭގައި ގުޅިފަޅާއި ގިރާވަރުފަޅުން ދޭ ގޯތިތައް ކަނޑުން ހިއްކައި އެތަންތަނުން ގޯތި ދީފައި ބާކީ ހުރި ތަންތަން ވެސް ހިއްކަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެތަން ހިއްކުމަށް ގެންނަ ޑްރެޖަރު މި މަހުގެ 23 ވަނަ ދުވަހު އަންނާނެ ކަމަށާއި މޮބަލައިޒްކޮށް އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއަށް ފަހު އުތުރު ތިލަފަޅާއި ރަސްމާލެ ހިއްކުމުގެ މަޝްރއު ފެށޭނެ ކަަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ވީ ވައުދު އަޅުގަނޑު ފުއްދާނަން. އަޅުގަނޑެއް ނޫޅެން އެކަން ނުކުރާކަށެއް. އެ ބަރާބަރަށް ހަނދާން އެބަހުރި. އަޅުގަނޑު ވީ ހުރިހާ ވައުދެއް. ދެން އިތުރަށް ގޯތި ދޭން އަޅުގަނޑު ވީ ވައުދު ފުއްދަން މިހާރު މި ހުރިހާ ތަނެއްގައި އިތުރަށް ދެން މި ހިއްކަނީ އުތުރުތިލަފަޅާއި ރަސްމާލެ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މި ސަރުކާރުން ދާދި ފަހުން ވަނީ 3000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފެއްޓުމަށް ބީއެމްއެލްއާ ބިން ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ވާހަކަ ދައްކަވަމުން ރައީސ ްވިދާޅުވީ އެ 3000 ހައުސިން ޔުނިޓްގެ އިތުރުން އިތުރު 4500 ހައުސިން ޔުނިޓް މާލެ ސަރަހައްދުގައި އަލާނެ ކަމަށެވެ. އޭގެ އިތުރުން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 15000 ގޯތި ދިނުމުގެ މަސައްކަތުގެ ދަށުން އުސޫލުތައް ކަނޑައަޅައި މަހެއްހާ ދުވަސް ތެރޭގައި އެޕްލިކޭޝަން ހުޅުވާލާނެ ކަމަށެވެ. އެއީ މާލޭގެ އެކިއެކި ކެޓަރީތަކުގައި ހިމެނޭ ރަށްވެހިންނާއި، މާލޭގެ ގިނަ ދުވަހު އުޅެމުންދާ މާލޭގައި އުޅޭ އެހެން ރަށުގެ ރައްޔިތުންނަށް ވެސް ކުރިމަތިލެވޭނެ މަޝްރޫއެކެވެ.

މި ސަރުކާރުން ހުޅުވާލާ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ދަފްތަރު ޖެހިފައި ތިބި މީހުންނާއި، ޑިސެބިލިޓީ ހުރި މީހުންނާއި، ސިންގަލް ޕޭރަންޓުންނާއި، ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނާއި، ޓެކްސީ ޑްރައިވަރުންނާއި، ފުލުހުންނާއި، ސިފައިންނާއި، ސިވިލް ސަާވިސްގައި މަސައްކަތް ކުރާ މީހުންނާއި، އެކިއެކި ކޮމިޝަންތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ކަނޑައެޅޭ އުސޫލަކުން ކުރިމަތިލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވީމާ، މިއީ އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު ހަގީގީ މާނައިގައި ތަންފީޒު ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.