ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އިސްލާމްދީނުގައި އޮތް އެންމެ މަތީ އަދަބު ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިރޭ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އިސްލާމްދީނުގައި އޮތް އެންމެ މަތީ އަދަބު ދެއްވުމަށް ފާސްކުރައްވާނެ ކަމަށާއި، މި މުޖުތަމައަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހައްދަވާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ޒުވާނުން މަސްތުގެ ވަބާގައި ޖެހި ހަލާކުވެގެން ދިޔަ ނުދެއްވާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިއްޔެ ވަނީ މިހާތަނަށް މަސްތުވާތަކެއްޗާއި ދެކޮޅަށް ފެށި އެންމެ ބޮޑު އޮޕަރޭޝަން ފައްޓަވާފައި ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ގައުމުގައި އޮތް އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ ހިމެނޭ ކަމަށާއި، އަދި ދެން އޮތީ ގޭންގު މައްސަލައިގެ އިތުރުން ބިދޭސީންގެ މައްސަލަ ކަމަށެވެ. މި ހުރިހާ މައްސަލައަކަށް ހައްލު ގެނައުމުގެ މަސައްކަތް ކުރައްވަމުން ދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ މާދަމާގެ ނިޔަލަށް ބަޔޯމެޓްރިކްސް ނުދީ ހުރި ބިދޭސީން ވަގުތުން ޑީޕޯޓު ކުރާނެ ކަމަށާއި ބަޔޯމެޓްރިކްސް ދިނުމަށް ދިން މުއްދަތުގެ ފަހު ތާރީހަކީ މާދަމާގެ ނިޔަލަށް ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި އިއްޔެ ފަށި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭނެ ކަމަށާއި މިއޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

"އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި ފެށި މި އޮޕަރޭޝަނަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.