ޕީއެންސީއާއި އަލަށް ގުޅިވަޑައިގެން ފަރާތްތަކުގެ އިގުރާރާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންފިއެވެ.

މި ފަރާތްތަކުގެ އިގުރާރާ ރައީސް ހަވާލުވެވަޑައިގެންފައިވަނީ މިރޭ އާޓިފިޝަލް ބީޗު ސަރަހައްދަުގައި ކުރިއަށްދާ ޕީއެންސީގެ ބޮޑު ޖަލްސާގެ ތެރެއިންނެވެ. އެގޮތުން ޕީއެންސީއާއި އަލަށް ގުޅިވަޑައިގެންނެވި ބައެއް އިސް ބޭފުޅުންނަކީ:

  • އެމްޑީޕީ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
  • ނޫސްވެރިކަމުގެ ދާއިރާގައި އިސް އަދި ނޫސްވެރިކަމުގެ ގަލަން ލިބިވަޑައިގެންނެވި އިމާދް ލަތީފް
  • އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ ކުރީގެ ރައީސް ޖަބީރު

ޕީއެންސީގެ މި ޖަލްސާގައި މިރޭ 13،000 އަށްވުރެ ގިނަ ރައްޔިތުން ތިއްބަވާނެ ކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެންމެ މަތިވެރި ޒިންމާއަކީ ފަހުރުވެރި އިސްލާމީ ދައުލަތެއް ބިނާކުރުން ކަމަށާއި މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ އުސޫލުން ކަމަށެވެ.

އެގޮތުން އިޒްރޭލު ޕާސްޕޯޓު ބޭންކުރެއްވުމަށް ގިނަ ފިއްތުންތައް އައި ކަމަށާއި ނަމަވެސް އެކަން ކުރެއްވީ މުސްލިމުން މަރާ ބަޔަކަށް ރާއްޖޭގައި "ވެލްކަމް" ނުކިޔާނެ ކަން ހާމަކުރެއްވުމުގެ ގޮތުން ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ފާހަގަކުރެވޭގޮތުގައި މި ޖަލްސާއަކީ ޕީއެންސީގެ ސަރުކާރަށް 2 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ބާއްވާ ޖަލްސާއެކެވެ. އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ކުރިއަށްދާ ބޮޑު ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެފައިވާއިރު، ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކުން ފްލައިޓްތައް ޗާޓާކޮށްގެން ވެސް މީހުން އައިސްފައިވާކަން ފާހަގަކުރެއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސަރުކާރަށް 2 އަހަރު ފުރިގެން ދިޔަ އިރު ރައީސް ވަނީ ދިވެހިންގެ ރާއްޖެއެއް ބިނާ ކުރެއްވުމަށް ގިނަ އަދަދެއްގެ މަސައްކަތް ކުރައްވާފައި ކަމަށެވެ.

ހީނާ ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ވަޑައިގެން ރައްޔިތުންގެ ހާލު އަމިއްލަފުޅަށް ބައްލަވާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުހޯއްދަވައިދެއްވަމުން ގެންދަވާ ކަމަށާއި މިއީ މީގެ ކުރިން އެއްވެސް ރައީސަކު ކުރައްވާފައިވާ ކަމެއް ނޫންކަމަށެވެ.