މިއަދު 18:00 އިން 12:30 އަށް އާޓިފިޝަލް ބީޗު ސަރަހައްދު ބަންދުކުރުމަށް ނިންމުމާއި ގުޅިގެން ބައެއް ރޫޓުތަކުގެ ބަސްދަތުރުތައް މެދުކަނޑާލަން ނިންމާފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ އާރް2، އާރް8، އާރް10، އާރް11 އަދި އާރް 12ގެ ދަތުރުތައް މިވަގުތު ތެރޭގައި މެދުކަނޑާލެވިގެން ދާނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.
ފާހަގަކުރެވޭ ގޮތުގައި މިރޭ އާޓިފިޝަލް ބީޗު ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ބޮޑު ޖަލްސާއާއި ގުޅިގެންނެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައި އާޓިފިޝަލް ބީޗުގައެވެ.
ޕީއެންސީގެ ސަރުކާރަށް 2 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ބާއްވާ މި ޖަލްސާއަށް އިއްޔެ ވަނީ ޕީއެންސީއަށް ނިސްބަތްވާ އަދި އެ ޕާޓީއަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ މީހުން މާލެ އައިސްފައެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކުން ފްލައިޓްތައް ޗާޓާކޮށްގެން ވެސް މީހުން އައިސްފައިވާކަން ފާހަގަކުރެއެވެ.
