މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިއަދު ފަށާފައިވާ ހާއްސަ އޮޕަރޭޝަން، އޮޕަރޭޝަން އަލިމަގުގެ ދަށުން ރާއްޖެއިން ބޭރުގައި ހުއްޓަސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކޮންމެ މީހެއްގެ ފަހަތުން ގޮސް އަތުލާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މި އޮޕަރޭޝަނާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފުލުހުންގެ ހެޑް އޮފް ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުޒް ކޮންޓްރޯލް އަހުމަދު ނާއިފް ވިދާޅުވީ މިއީ މަސްތުވާތަކެތީގެ ނެޓުވޯކުތައް ހޯދާ މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެންގެވުމަކަށް ފެށި ހާސަ އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަނުގައި 500 އެއްހައި ފުލުހުން ބައިވެރިވެފައިވާ ކަމަށެވެ.

މި އޮޕަރޭޝަނަށް ރައްޔިތުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބެމުން ދާކަން ފާހަގަކޮށް ނާއިފް ވިދާޅުވީ މިއަދު ފަތިހު 5:30 އިން 10:00 އާ ހަމައަށް 100 މީހުން ހަޔައްރުކޮށްފައިވާކަމަށާއި، ބަލަން ފާސްކުރެވިފައިވާ ތަންތަނުގެ ތެރެއިން 90 އިންސައްތަ ބަލާ ފާސްކުރެވިފައިވާ ކަމަށެވެ.

ފުލުހުން ވަނީ މި އޮޕަރޭޝަނުގެ މައިގަނޑު މަގުސަދަކީ މި ކުށް ކުރާ އެންމެން ހޯދުން ކަމަށާއި، އަދި މި ނެޓްވޯކްތައް އެއްކޮށް ރޫޅާލައި ރާއްޖެއިން ބޭރުުގައި ތިބެގެން ރާއްޖެއަށް ޑްރަގު ޓްރެފިކް ކުރާ މީހުންވެސް އަތުލާ ގާނޫނުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ.

އޮޕަރޭޝަން އަލިމަގު އަކީ ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި މިއީ ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ އެއް ހަރަކާތެވެ.