ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީގެ ސަނަދު، ދިވެހިބަހުން ހާސިލުކުރެއްވުމުގެ ޝަރަފު ހޯއްދެވި ޑރ އާމިނަތު ޒާހިރު އާ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިބަހުގެ އެންމެ ފުރަތަމަ ޕީއެޗްޑީ ދިވެހި ބަހުން ހާސިލު ކުރެއްވުމާ ގުޅިގެން އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ޑޮކްޓަރު އާމިނަތު ޒާހިރަށް ތަހުނިޔާ އަދާކުރެއްވިއެވެ. އަދި މިއީ، ދިވެހިބަސް ކުރިއެރުވުމަށް ކޮށްދެއްވި ވަރަށް މުހިއްމު ހިދުމަތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރަސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ދިވެހިބަސް ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވަމުންގެންދަވާކަން ފާހަގަކުރައްވަމުން، މިގޮތުން އިސްކަން ދެއްވަމުން ގެންދަވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރު އާމިނަތު ޒާހިރު ދެއްކެވި ވާހަކަފުޅުގައި، އޭނާއާ ރައީސް ބައްދަކޮށްލެއްވިކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސްއަށް ޝުކުރު ދެންނެވިއެވެ. އަދި މި ފުރުސަތު ދެއްވިކަން އެއީ، ދިވެހި ބަހަށާއި ދިވެހި ބަސް ކުރިއެރުވުމަށް ރައީސް ދެއްވާ ސަމާލުކަމުގެ ވަރަށް ބޮޑު ދަލީލެއް ކަމުގައި ވިދާޅުވިއެވެ.
ޑޮކްޓަރު އާމިނަތު ޒާހިރުގެ އިލްމީ ދިރާސާގެ މައިގަނޑު މަގްސަދަކީ، ދިވެހިބަސް ކުރިއެރުވުމަށްޓަކައި އަމަލުކުރަންވީ ގޮތްތައް ދެނެގަތުމެވެ. ޑޮކްޓަރު އާމިނަތު ޒާހިރުގެ ތީސީސްގެ ކޮޕީއެއް މި ބައްދަކުރެއްވުމުގައި، އޭނާވަނީ ރައީސްއަށް ވެދުމަށް އަރުވާފައެވެ.
ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީގެ ސަނަދު ދިވެހިބަހުން ހާސިލުކުރެއްވުމުގެ ޝަރަފު ހޯއްދަވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޑޮކްޓަރު އާމިނަތު ޒާހިރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި ހަނދާނީ ފިލައެއް އަރުވާފައެވެ.
