އދ. ބޮޑުފިނޮޅުގައި އޮންނަ ބާސެލޯ މޯލްޑިވްސް ރިސޯޓުގެ ފުއްޓަރު ފަރާތާ ދިމާލުން ބޭރުގައި، ފަތުރުވެރިންތަކެއް ގޮވައިގެން އެކްސްކާޝަނަށް ދިޔަ ދެ ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ އދ. ފެންފުށީގެ ހުޅަނގު އުތުރަށް ވާ ގޮތަށް އޮންނަ ބާސެލޯ މޯލްޑިވްސް ރިސޯޓު ކައިރިން އެކްސިޑެންޓެއް ހިނގީ އެކްސްކާޝަނަށް ގޮސް އުޅުނު ދެ ދޯންޏެއް ޖެހިގެން ކަމަށެވެ. މިއަދު މެންދުރު 12:30 ހާއިރު މި ހާދިސާ ރިޕޯޓުކޮށްފައިވާ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ އެކްސިޑެންޓުވި ދެ ދޯނީގެ ތެރެއިން އެއް ދޯނި އަޑިއަށް ގޮސްފައިވާކަމަށާއި އަދި ދެވަނަ ދޯނީގެ ޑެކަށް ގެއްލުންވެފައިވާކަމަށެވެ.

ފުލުުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.