ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކުރިއަށް އޮތް 6 ގަޑިއިރެއްހާއިރު ތެރޭގައި ފުވައްމުލަކު ސިޓީއަށް ވޯޓާ ސަޕްލައިގެ ހިދުމަތް އަލުން ދޭން ފަށާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފުވައްމުލަކު ސިޓީގެ ވޯޓާ ސަޕްލައިއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެކަން ހައްލުކޮށް އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކުރަމުންދާ ކަމަށެވެ.

އެގޮތުން ފުވައްމުލަކު ސިޓީގެ ފެން ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލަކު ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެންދޫކުރަން ފަށާނެ ކަމަށެވެ. އަދި ފުވައްމުލަކަށް މިވަގުތު ދިމާވެފައިވާ ފެނުގެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

ފެނުގެ މި މައްސަލަ ކުރިމަތި ވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ފަށާފައިވާކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް 5 ލީޓަރުގެ 500 ކޭސް ފެނާއި 1.5 ލިޓަރުގެ 1300 ކޭސް ފެނާއި 500 މިލިލިޓަރުގެ 1000 ކޭސް ފެން ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ގެންގޮސްފައިވާ ކަމަށް ހިނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ އޭގެތެރެއިން މިހާތަނަށް 1200 ކޭސް ފެން ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާ ކަމަށާއި އިތުރު ބޯފެން ފުވައްމުލަކު ސިޓީއަށް ގެންދިއުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުވައްމުލަކު ސިޓީއިން ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި މައްސަލަ ހައްލުކުރަން މަދުވެގެން 2 ދުވަސް ނަގާނެ ކަމަށް ފެނަކައާ ހަވާލާދީ ފުވައްމުލަކު ސިޓީ ކައުންސިލުން އިއްޔެ ބުނެފައިވެއެވެ.