އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައި ދައްކަން އޮތް ޔޫރޯ ބޮންޑު ރޯލްއޯވާކޮށް، ސުކޫކު ދެއްކުމުގެ ހުރިހާ ޕްލޭންތަކެއް ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ހުށަހެޅި އިރު އަންނަ އަހަރު ޖުމްލަ 12.9 ބިލިޔަން ރުފިޔާގެ ދަރަނި އަދާކުރަން ޖެހެއެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކަށް ދައްކަން ޖެހޭ ފައިސާއެވެ. މި ސޫކޫކުގެ ދެބައިކުޅަ އެއްބައި ބޭނުންކޮށްފައި ވަނީ އޭގެ ކުރީ ސަރުކާރުން ނެގި ސަނީ ސައިޑް ބޮންޑް ދެއްކުމަށާއި ކޮވިޑާ ގުޅިގެން ހަރަދުތައް ބޮޑުވުމުގެ ސަބަބުންނެވެ.

އިއްޔެ ބަޖެޓް ކޮމިޓީގައި ދަރަނި ދެއްކުމަށް ރާވާފައިވާ ކަންކަން ހިއްސާ ކުރައްވަމުން ޒަމީރު ވިދާޅުވީ، 2018 ވަނަ އަހަރު އަބޫދާބީ ފަންޑަށް ވިއްކި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ޔޫރޯ ބޮންޑު ރޯލްއޯވާ ކުރުމުގެ މަސައްކަތް ޔޫއޭއީއާ އެކު ކުރަމުން އަންނަ ކަމަށާއި އެކަން ވާނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ޔޫއޭއީ ސަރުކާރުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން ރޯލްއޯވާކުރުމުގެ ކަންތައް ހަމަޖއްސަވާފައި ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި ފިނޭންސް މިނިސްޓްރީއަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތިން މަސް ކުރިން އެޕްރޯޗްކޮށްގެން އެކަން ކުރެވޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

މިދިޔަ ދެ އަހަރު ތެރޭ ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި އޭޕްރީލް މަހުގެ ސުކޫކު ޕޭމަންޓް ދެއްކޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. ސުކޫކަށް ބޭނުންވާ 350 މިލިއަން ޑޮލަރު ރީފައިނޭންސް ކުރާ އިރު ބާކީ 150 މިލިއަން ޑޮލަރު ދައްކާނީ ސޮވަރިން ޑިވަލޮޕްމެންޓް ފަންޑު (އެސްޑީއެފް) މެދުވެރިކޮށް ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ޖުމްލަ ބަޖެޓަކީ 64.2 ބިލިޔަން ރުފިޔާއެވެ. މިއީ މިހާތަނަށް ހުށަހަޅާ އެންމެ ބޮޑު ބަޖެޓް ކަމުގައި ވީ ނަމަވެސް އެހެން އަހަރުތަކާއި ހިލާފަށް މި ބަޖެޓުގެ ނިސްބަތުން ބޮޑު އިންސައްތައެއް ބޮންޑާއި ސުކޫކު ދެއްކުމަށް ހިމަނާފައި ވެއެވެ.