ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ސްރީލަންކާގެ މަސްބޯޓުން 24 ގޯނީގެ މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި އުޅެނިކޮށް އަތުލައިގެންފައިވަނީ ލަންކާގެ ބޯޓެއް ކަމަށްވާ "އަވިޝްކާ ޕުތާ" އެވެ.

ޑްރޯންގެ އެހީގައި ހޯދި އެ ބޯޓު އެމްއެންޑީއެފްއިން ބަލާ ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަވުމުން އުޅަނދާއި އެ އުޅަނދުގައި ތިބި ފަޅުވެރިން ފުލުހުންނާ ހަވާލުކޮށްފައި ވަނީ އިއްޔެއެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ކޯޓު އަމުރެއްގެ ދަށުން މިއަދު އެ އުޅަނދު ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާ ކަމަށެވެ. އަދި މިތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި އިރު، އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެތި ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ސްރީލަންކާއަށް ނިސްބަތްވާ 5 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ 39، 42، 28، 34 އަދި 63 އަހަރުގެ 5 ފިރިހެނުން ކަމަށް ވެއެވެ.

މި މައްސަލަ، ދިވެހި ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.