ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށް، ހަތަރު މީހަކު ފުރުން މަނާކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު ހިންގި ފޭރުމުގެ އަމަލާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ހައްޔަރުކޮށްފައިވަނީ:

- އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު، (27އ) ގއ. ވިލިނގިލި، ބިނާ

- އަހުމަދު މާހިދު، (44އ) ތ. ވިލުފުށި، އެހީވާގެ

- އަލީ އަފްޒަލް، (21އ) ސ. ހިތަދޫ، ވަށަގުލިމާގެ

ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން އަބްދުލްއައްވަލް ހައްޔަރުކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކަމަށެވެ. އަދި މާހިދު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި އަފްޒަލް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަފްޒަލްގެ ބަންދަށް ފުރަތަމަ ތިން ދުވަސްޖަހާފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މީގެ އިތުރުން އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު އަދި އަހުމަދު މާހިދުވެސް ވަނީ ޝަރީއަތް ނިމެން ދެން ބަންދުކޮށްފައެވެ.

މީގެ ކުރިން މި މައްސަލައާއި ގުޅިގެން 4 މީހަކު ބަންދުކޮށްފައިވާއިރު އެ އެންމެން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.