ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގައި ފައިސާދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް ބޮޑުކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ ޑެބިޓް ކާޑުން ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި މިހާރު މަހަކު ޖުމްލަ 3،000 ޑޮލަރުގެ މުއާމަލާތް ކުރެވޭނެ ކަމަށެވެ.

އެގޮތުން ރާއްޖޭން ބޭރުގައި ކާޑު މެޝިން މެދުވެރިކޮށް ފައިސާ ދެއްކުމަށް މަހަކު 1،000 ޑޮލަރު ހޭދަކުރެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އަދި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ޓިކެޓަށާއި ހޮޓަލަށް ފައިސާ ދެއްކުމަށާއި ސިއްހީ ފަރުވާ ހޯދުމަށް މަހަކު 3،000 ޑޮލަރު ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މީގެއިތުރުން ބީއެމްއެމްއެލްއިން ވަނީ މިއަދު އެޑްވާންސް މާޗަންޓް ސެޓްލްމެންޓް ފެސިލިޓީއެއް ތައާރަފުކޮށްފައެވެ. މި ފެސިލިޓީއާއެކު އަވަސް އަދި ފަސޭހަކަމާއެކު 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭނެކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

ބީއެމްއެލްއިން ބުނީ މި ފެސިލިޓީ ދިނުމުގައި ފާއިތުވި 6 މަހު ކާޑު މެޝިނުގައިކޮށްފައިވާ މުއާމަލާތްތަކުގެ ޖުމުލަ ވިޔަފާރިއަށް ބަލާނެ ކަމަށެވެ. އަދި މިއީ ރަހުނަކާ ނުލައި އަނބުރާ ފައިސާދެއްކުމަށް ފަސޭހަވާނޭ ގޮތަށް ފަރުމާކޮށްފައިވާ ފެސިލިޓީއެއް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.