ގއ. ވިލިނގިލީގައި އެކްސިޑެންޓުވެގެން ފަރުވާ ދެނިކޮށް، ޒުވާނަކު ނިޔާވެއްޖެއެވެ.
މި ހާދިސާގައި މިއަދު ނިޔާވީ، ވިލިނގިލީ، ސޯސަން ވިލާ 26 އަހަރުގެ ވިކާޝް އަހުމަދެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 01:25 ހާއިރު ވިލިނގިލީގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް, ސަމުގާ މަގުގައި ސައިކަލަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އޭނާ ވެއްޓިފައި ވަނީ، ގެއެއްގެ ފާރުގައި ސައިކަލު ޖެހި، އެކްސިޑެންޓު ވެގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ވިކާޝްއަށް އިތުރު ފަރުވާއަށް މިދިޔަ އަންގާރަ ދުވަހު މާލެ ގެނެސްފައިވާއިރު އޭނާގެ ކަށުނަމާދު ކޮށްފައި ވަނީ، މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާގައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވަމުން އަންނައިރު، މިފަދަ ހާދިސާތަކުގައި މީހުންގެ ފުރާނެ ގެއްލޭ މިންވަރުވެސް އަންނަނީ އިތުރުވަމުންނެވެ.
