ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް އަމަލުކުރަން ފެށި ޕޭ ހާމަނައިޒޭޝަންގެ ސަބަބުން 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުވެފައިވާ ކަމަށާއި އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފުވައްމުލަކު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރަތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، މިކަމުގެ މައުލޫމާތު ނޭނގޭތީ މުވައްޒަފުންނަށް އޮޅުން އަރަމުންދާ ކަމަށެވެ.
މި މަހު އެކަކުން ފެށިގެން މުސާރަ ބޮޑުވެގެން ދިޔަ ދާއިރާތަކުން ޖުމްލަ 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ އެވަނީ ޕޭ ހާމަނައިޒް ވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕޭ ފްރޭމްވޯކަށް ހިޖުރަ ނުކުރާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކާ މުއާމަލާތް ކުރާނެ ކަމަށާއި ކޮންމެ އޮފީހަކުން ވެސް ހުރި ކަންބޮޑުވުމެއް ވިއްޔާ އެއަށް އެޑްރެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މުސާރައަށް ގެނެވުނު ބަދަލަކާއެކު މުވައްޒަފުންގެ އާމްދަނީ އިތުރު ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ އިތުރަށް ފަހަށް ރައްކާކުރަން ލިބޭ އެއްޗެއް އިތުރު ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މުސާރައަށް ގެނައި ބަދަލުގެ ސަބަބުން ހުރިހާ މުވައްޒަފުންގެ އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އައިސްފައިވާނެ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އެންމެ ކުޑަކޮށް މުސާރަ ކަނޑައަޅާފައިވާ މުވައްޒަފުންނަށް ވެސް އަސާސީ މުސާރައިގެ ގޮތުގައި 7000 ރުފިޔާ ލިބޭނެ ކަމަށެވެ. އަސާސީ މުސާރައަށް ގެނައި ބަދަލާއެކު މުވައްޒަފުންގެ ޕެންޝަން ފަންޑުވެސް އިތުރު ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
