ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ދިވެހި ފުލުހުން ބުނެފިއެވެ.

އިއްޔެ ލަންކާގެ ބައެއް ނޫސްތަކުން ވަނީ "ސީދޭވީ" ނަމަކަށް ކިޔާ ބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަމަށް ބުނެފައެވެ. އަދި އެ ގައުމުގެ ހުޅަނގު އައްސޭރިން އިއްޔެ އެ ބޯޓު އަތުލައިގަނެފައިވާކަމަށް ނޫސްތަކުގައިވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ކަމަށް މައުލޫމާތު ލިބުނީ ލަންކާގެ ގޯލް ސިޓީގައި އެ އުޅަނދުގެ ވެރިފަރާތް ހައްޔަރުކުރުމަށް ފަހު ހިންގި ތަހުގީގެއްގެ ތެރެއިން ކަމަށެވެ.

އެހެންނަމަވެސް ސްރީލަންކާގެ ރަސްމީ އިދާރާތަކާއި ހަވާލާދީ ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ 355 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަމަށެވެ. އެހެންނަމަވެސް ފުލުހުން މި ބޯޓު ރާއްޖޭގެ ސަރަހައްދަށް ވަންކަމެއް އަދި މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ މި ބޯޓުން އަތުލައިގަތް މި މަސްތުވާތަކެތީގެ ތެރޭގައި ކްރިސްޓަލް މެތަމްފެޓަމިން (އައިސް)ގެ 251 ކިލޯ އާއި 85 ކިލޯ ހެރޮއިން ހިމެނޭކަމަށް ލަންކާގެ ކޯސްޓު ގާޑް ސިފައިން ބުނެފައިވެއެވެ. މި ތަކެތީގެ މަގުމަތީ އަގު 5000 މިލިއަން ރުޕީސްއަށް އަރާނެކަމަށްވެސް ސިފައިން ވަނީ ބުނެފައެވެ.