ބޭންކް އޮފް މޯލްޑިވްސްގެ ސޫޓްކޭހެއް ފޭރިގަނެގެން ފިލި މައްސަލައިގައި ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު، އެއާޕޯޓު ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ 2 މުވައްޒަފެއްގެ އަތުން، ފައިސާ ހުރި ސޫޓް ކޭސްއެެއް ފޭރިގެންފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:-

  • މާޒިން މޫސާ (25އ)، ރޭޝަމް، ލ.މާވަށް،
  • އަހްމަދު ރައިހާން ނައީމް (20އ)، މ. ކޯރަސް، މާލެ،
  • އިބްރާހީމް އަނޫފް (24އ)، އަޅިވިލާގެ، ކ.ގުރައިދޫ،
  • ހުސައިން ޝަހުދު (30އ)، އަޅިވިލާގެ / ކ.ގުރައިދޫ،

މި މައްސަލައާއި ގުޅިގެން މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެމީހުންގެ ބަންދަން ޖެހި 5 ދުވަހުގެ މުއްދަތު އިއްޔެ ހަމަވުމާއެކު، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ މިންވަރަކުން މީޑިއާއަށް ހާމަކުރެއްވުންހުރި މައުލޫމާތު ހާމަ ކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަަލައިގައި ގެއްލުނު ފައިސާ ހޯދިފައިވާކަން ނުވަތަ ނޫންކަންވެސް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.