އެމްޕީއެލްއާ ދިމާލު ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި 3 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މާލެ އެމްޕީއެލްއާ ދިމާލު، ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު ފަހު 3:44 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި 3 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހުންނަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އަނިޔާވެފައި ވަނީ ދިވެއްސަކަށް ނުވަތަ ބިދޭސީއަކަށް ކަން ވެސް ސާފެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ދަނީ އަދިވެސް ހަރަކާތްތެރިވަމުންނެވެ. އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.