މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި އެވެ.
ޕާޓީއަށް މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި މެންބަރުން ހަމަކުރި ނަމަވެސް އީސީން އެ ޕާޓީ އުވާލުން ނިންމުމާ ގުޅިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ 2023 ވަނަ އަހަރުގެ މާޗް މަހުއެވެ.
އެ ޕާޓީން ބުނާ ގޮތުގައި މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި ހުށަހެޅި ފޯމުތަކުގެ ތެރެއިން އެ ޕާޓީއަށް ނޭނގި، ޕާޓީގެ ދަފްތަރުން ވަކިވާން އެދިފައިވާ ބައެއްގެ ފޯމުތައް އީސީއިން ޕްރޮސެސް ކުރުމުން މެންބަރުން ހަމަކުރަން ދިން ސުންގަނޑި ހަމަވިއިރު ގާނޫނީ އަދަދަށް ވުރެ ދެ މެންބަރުން މަދުކަމަށް އީސީން އެންގި ކަމަށެވެ.
އެހެންކަމުން އެ ޕާޓީން އެދުނީ ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަކުރުމަށް މުއްދަތު ނުދީ އެ ޕާޓީ އުވާލާފައި ވާތީ، އެ ޕާޓީ އަކީ މާޗު 17، 2022ގައި ދިން ނޯޓިހާ އެއްގޮތަށް 3،000 މެންބަރުން ހަމަވާ ޕާޓީއެއް ކަމަށް ކަނޑައަޅާ ދިނުމަށެވެ.
އެ މައްސަލައާ ގުޅިގެން ގާޒީ ސިނާން އަލީ ހުކުމްކުރައްވާފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފައިނުވާކަމަށް އީސީއިން ނިންމި ނިންމުން ރިވިއުކުރުމަށެވެ.
ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމައެވެ. 3000 މެންބަރުން ހަމަކޮށް ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މެންބަރުންގެ އަދަދު 3000 އަށް ވުރެ މަދުވެއްޖެ ނަމަ ޖެހޭނީ އެ ޕާޓީއެއް އުވާލާށެވެ.
އެމްއެލްއެސްޑީޕީ އިތުރު ކުރުމާއެކު އީސީގެ ދަފްތަރުގައި ޖުމްލަ 9 ޕާޓީއެއް އެކުލެވެއެވެ. އެއީ އެމްޑީޕީ އާއި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭ އާއި ޕީއެންސީއެވެ. އަދި އެމްއެންޕީއާއި ދަ ޑިމޮކްރަޓްސްގެ އިތުރުން ޕީއެންއެފް ވެސް ހިމެނެއެވެ.
