ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ތާރީހީ ބަދަލެއް ގެނައުމުގެ ގޮތުން، އެމްޓީސީސީ އާއި ޔަންމާ ގުޅިގެން ދިވެހި މަސްދޯނި ފަހަރާއި ދިވެހި ކަނޑުފަޅަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ރެފްރިޖެރޭޓެޑް ސީވޯޓާ (އާރްއެސްޑަބްލިއު) ނިޒާމެއް ތައާރަފުކޮށްފިއެވެ.
މި ނިޒާމު ރަސްމީކޮށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ގދ. މަޑަވެލީގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި ޔަންމާ އޭޝިއާ ސިންގަޕޫރު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓާ ޖެކްސަން ޓާން، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ސައުދީ، މަޑަވެލީ ކައުންސިލް ރައީސާއި މެންބަރުން އަދި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީ އިން ބުނީ، ޔަންމާ އިން މުޅިން އަލަށް އުފައްދާފައިވާ މި އާރްއެސްޑަބްލިއު ނިޒާމަކީ މަސްވެރިންނަށް އެތައް ފައިދާތަކެއް ކޮށްދޭނެ ނިޒާމެއް ކަމަށެވެ. މި ނިޒާމުގެ ސަބަބުން މަސްވެރީންނަށް އައިސް ނުލިބިގެން ދެން އުޅޭކަށް ނުޖެހޭނެ ކަމަށާއި އުޅަނދު ހިންގަން ކުރާ ހަރަދު ކުޑަކުރެވި، އިސްރާފު މަދުވެގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. މަސް ފިނިކޮށްދީ މަހުގެ ތާޒާކަން ހިފަހައްޓައި ދޭ މި ނިޒާމުގެ ސަބަބުން، މަހަށް ހަމަ އަގު ލިބި މަސްވެރިންގެ އާމްދަނީ ވެސް އެތައްތަނެއް އިތުރުވާނެއެވެ. މީގެ އިތުރުން، އާރްއެސްޑަބްލިއުގައި އެކުލެވޭ ޓެކްނޮލަޖީ އާއި ކޮންޓްރޯލް ޔުނިޓްގެ ޔޫޒާ އިންޓަފޭސްގެ ސަބަބުން ކަސްޓަމަރުންނަށް މި ނިޒާމު ބޭނުންކުރަން ފަސޭހައިން ދަސްކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މި ނިޒާމަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ތިމާވެއްޓާ ރައްޓެހި އުފެއްދުމެކެވެ. ލޮނުފެން ފިނިކޮށް ދިނުމަށް މި އުފެއްދުމުގައި ބޭނުންކުރާ ސީއޯޓޫ ރެފްރިޖަރަންޓަކީ ތިމާވެއްޓާ ރައްޓެހި ކެމިކަލެކެވެ. މިއީ ދިވެހިރާއްޖޭގެ މަސް ދޯނިފަހަރާއި ދިވެހި ކަނޑުފަޅަށް ޚހާއްސަކޮށްގެން މިގޮތަށް ތައާރަފުކުރި ފުރަތަމަ ނިޒާމެވެ.
މި ރަސްމިއްޔާތުގައި، އާރްއެސްޑަބްލިއު ނިޒާމު އެންމެ ފުރަތަމަ ހަރުކުރި މަސްވެރި އުޅަނދު 'ކަމަނަ އޮޑި'ގެ ވެރިފަރާތް ސޯދިގް ހަސަނަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ.
އާރްއެސްޑަބްލިއު ނިޒާމެއް ތައާރަފުކުރުމަކީ ބޮޑު ހަރަދެއް ހިނގާ ކަމަކަށްވާތީ، މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މި ކުންފުންޏަށް ބޭނުންވާ ބޭރު ފައިސާ ދިވެހި ސަރުކާރުން ވަނީ ހަމަޖައްސާފައި ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެއިތުރުން، މިދިޔަ އަހަރު ދިވެހި ސަރުކާރުން ވަނީ އާރްއެސްޑަބްލިއު ނިޒާމު ބޭނުންވާ ފަރާތްތަކަށް ހާއްސަ ފައިނޭންސިން ސްކީމެއް އިފްތިތާހު ކޮށްދީފައެވެ. އެ ސްކީމްގެ ދަށުން، އާރްއެސްޑަބްލިއު ޔުނިޓް، ޖެނެރޭޓަރު އަދި ސޯލާ ޕެނަލް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ލޯނު ލިބޭނެ އިންތިޒާމު ދިވެހި ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
ޔަންމާއާއި ދިވެހިރާއްޖޭގެ ގުޅުމަށް މިހާރު ވަނީ 50 އަހަރުވެފައި ވާއިރު، ޔަންމާ އަކީ ދިވެހި މަސްވެރިން އެންމެ ޔަގީންކަމާއެކު އިތުބާރުކުރާ ބްރޭންޑެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ ދެމެހެއްޓެނިވި މެރިން ޓެކްނޮލޮޖީ ގެނައުމަށްޓަކައި އެމްޓީސީސީ އާއި ޔަންމާ ގުޅިގެން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
