ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބޭނުންކުރެވޭ ގޮތަށް ބީއެމްއެލްގެ އިންޓަނޭޝަނަލް ޑިޖިޓަލް ވޮލެޓް "ސްވައިޕް" މިއަދު ތައާރަފު ކޮށްފިއެވެ.

ބީއެމްއެލްގެ އިންޓަނޭޝަނަލް ޑިޖިޓަލް ވޮލެޓް ތައާރަފް ކޮށްދެއްވީ މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ރަސްމިއްޔާތުގައި ވަނީ އެ ޑިޖިޓަލް ވޮލެޓާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާފައެވެ. މިއަދު ތައާރަފް ކުރި ވޮލެޓަކީ ދިވެހި ޒުވާނުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ކްރޮސްބޯޑާ ޓްރާންސެކްޝަންތައް ހިންގޭނެ ވަސީލަތެކެވެ. އަދި މިއީ ހަރަދު ކުޑަކޮށް، ބޭރު ފައިސާ ހޯދުމަށް މަގުފަހިކޮށްނ ދޭނެ ހިދުމަތެއް ވެސް މެއެވެ. މިއީ ދުނިޔޭގެ އެހެން ޑިޖިޓަލް ވޮލެޓްތަކާ އެއްގޮތަށް، ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެން ވެސް ކޮންމެ މީހަކަށް ވެސް ބޭނުންކުރެވޭނެ އިންޓަނޭޝަނަލް ވޮލެޓެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފޮރެކްސް އަދި ޓްރޭޑިން ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހިންނަށް ޓްރޭޑް ކުރެވޭނެ ފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އެކަން ކުރިއަށް ގެންދިއުމަށް އެ ބޭންކުން އިކޮނޮމިކް މިނިސްޓްރީއާ އެކު މި އަހަރު ކުރީކޮޅުން ފަށައިގެން މަސައްކަތް ކޮށްފައިވާ ކަން ޝަރީފް ފާހަގަކުރެއްވިއެވެ. އޭގެ ނަތީޖާއަކީ މިއަދު ތައާރަފުކުރި އެ ބޭންކްގެ އިންޓަނޭޝަނަލް ވޮލެޓް "ސްވައިޕް" ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ ވޮލެޓްގެ ހިދުމަތް ދޭން ފަށާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ހުނަރުވެރިންގެ މަސައްކަތްތަކަށް ބޭރުން ލިބެން ޖެހޭ ފައިސާ އެއްވެސް އިތުރު ޗާޖަކާއި ނުލައި ވަގުތުން ލިބޭނެ ގޮތް ވެސް ހަމަޖެހިގެން ދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް ރާއްޖޭގެ ޕްލެޓްފޯމެއް މެދުވެރިކޮށް ފަސޭހައިން ފައިސާ ދެއްކޭނެ މަގު ފަހިވެގެން ދާނެ ކަމަށާއި ދިވެހިންނަށް ފައިސާގެ މުއާމަލާތް ކުރުމަށް އިތުރަށް ފަސޭހަ ވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ވިޔަފާރިވެރިންނަށް ވަގުތުން ފައިސާ ލިބޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.