ގަވާއިދާ ހިލާފަށް ރާއްޖެއަށް ސނިގިރޭޓު އެތެރެކުރި މައްސަލައަކާއި ބޮންޑެޑް ވެއާހައުސްއަކުން ގަވާއިދާ ހިލާފަށް ސިނގިރޭޓު ނެރުނު މައްސަލައަކާއި ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 2 ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަސްޓަމްސްގެ 2 ކޮމިޝަނަރަކު މަގާމުން ވަކިކޮށްފައި ވާކަން ހާމަކުރައްވާފައެވެ.

އެ މަގާމުން ވަކި ކުރެއްވީ، އަބްދު الله ވަހީދު އާއި މަހްމޫދު ރިޔާޒެވެ.

ރައީސް ވިދާޅުވީ ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކޮށްފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައިގެ އިތުރުން ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

މި މައްސަލަތައް ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން ރައީސްއަށް ފޮނުވި ސިޓީގައި ދީފައިވާ މައުލޫމާތާއި ލަފާއަށް ރިއާޔަތްކުރައްވާ ކަސްޓަމްސް ގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ތިއްބެވި 2 ބޭފުޅަކު މާގަމުން ވަކިކުރީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދުކަން ރައީސްގެ ޕޯސްޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން ކަސްޓަމްސްގެ އިތުރު 3 މުވައްޒަފަކާއި ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަމަލުކުރަމުންގެންދާ އުސޫލުތަކާ އެއްގޮތްތައް ބައްލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް އަންގަވާފައިވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހޯކްސް ކުންފުނީގެ ބޯޓެއް ކަމަށްވާ 'އެމްޓީ ހޯކްސް ޖަވާހިރު'ގައި ގަވާއިދާ ހިލާފަށް ސިނގިރޭޓު އެތެރެކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅުގައެވެ. މި މައްސަލައާ ގުޅިގެން އެ ބޯޓާއި ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓުޔާޑު ބަލައި ފާސްކޮށް، ގާތްގަނޑަކަށް 1.7 މިލިއަން ސިނގިރޭޓު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

އެ ސިނގިރޭޓުތައް ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސްއެއްގައި ބަހައްޓާފައި ހުއްޓައި، ގަވާއިދާ ހިލާފަށް (ޑިއުޓީ ދެއްކުމަކާ ނުލައި) ބޮންޑެޑް ވެއާހައުސްއިން ނެރެފައެވެ. އެ ސިނގިރޭޓުތައް ވެއާހައުސްއިން ނެރެފައިވާކަން ކަސްޓަމްސްގެ އެއްވެސް ރެކޯޑުން ފެންނަން ނެތް ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.