ރޭ ފަތިހު އެއާޕޯޓުން ފޭރިގަތް ބޭންކް އޮފް މޯލްޑިވްސްގެ ސޫޓްކޭހުގައި ލައްކައެއްހާ ޑޮލަރު ހުރި ކަމަށް މައުލޫމާތު އެނގޭ މަސްދަރަކު ހާމަކޮށްފިއެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު، ޓާމިނަލަށް ވަންނަން ދިޔަ އެބޭންކުގެ ދެ މުވައްޒަފެއްގެ އަތުން، ފައިސާ ހުރި ސޫޓް ކޭސްއެެއް ފޭރިގަތް މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 4:45 ހާއިރެވެ.

ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ނުވަތަ ކޮން ބޭންކެއް ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެކަމާ ގުޅޭ މައުލޫމާތު އެނގޭ ފަރާތުން ބުނީ، ވަގަށް ނެގި ސޫޓް ކޭހުގައި ލައްކައެއްހާ ޑޮލަރު ހުންނާނެ ކަމަށާއި އެއީ ބީއެމްއެލްއިން މިއަދު ހެނދުނު ފުރާ ދިވެހިންނަށް ދޭން ހަމަޖެހިފައިވާ ޑޮލަރު ކަމަށެވެ. ދިވެހި ފައިސާއިން ބަލާނަމަ އެއީ 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

އެ ފައިސާތައް ފޭރިގަތީ ބީއެމްއެލްގެ ދެ މުވައްޒަފުންނަށް ވަޅިން ބިރު ދެއްކުމަށްފަހު ކަމަށް ވެއެވެ. އަދި ފޭރިގަތް ފައިސާ ހުރި ސޫޓްކޭސް ހިފައިގެން ވަގުން އެއާޕޯޓުން ފިލީ ޖެޓީގައި އޮތް ލޯންޗެއްގަ އެވެ. ނަމަވެސް އެ މީހުން ދިޔައީ ކޮން ރަށަކަށް ކަމެއް އެނގިފައި ނުވެއެވެ.

ފައިސާ އެއްތަނުން އަނެއް ތަނެއް ޓްރާންސްފާ ކުރުމުގައި ފުލުހުން ސެކިއުރިޓީ ފޯރުކޮށްދެއެވެ. ނަމަވެސް އެކަމާ ގުޅޭ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި ފުލުހުން ސެކިއުރިޓީ ފޯރުކޮށްދެނީ އެއާޕޯޓުގައި ހުންނަ ބީއެމްއެލްގެ 'ސޭފް' އާ ހަމަ އަށެވެ. އެއަށްފަހުން އެއާޕޯޓުގެ އެއްތަނުން އަނެއް ތަނަށް ފައިސާ ގެންދިއުމުގައި ފުލުހުން ސެކިއުރިޓީ ނުދޭކަމަށް ވެއެވެ. ނަމަވެސް އެގޮތަށް ބީއެމްއެލްއިން ރިކުއެސްޓް ކޮށްފިނަމަ އެއާޕޯޓުގެ ތެރޭގައި ވެސް ފައިސާ އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ފުލުހުން ސެކިއުރިޓީ ފޯރު ކޮށްދޭނެ މައުލޫމާތު ހާމަކުރި ފަރާތުން ބުނެއެވެ.

މި ނޫހަށް މައުލޫމާތު ދިން މަސްދަރުން ހާމަކުރި ގޮތުގައި ބޮޑަށް ބުރަވެވެނީ މިއީ ދުރާލާ ރާވައިގެން ހިންގި ވައްކަމެއް ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ބުނީ ކޮންމެ ދުވަހަކުވެސް އެ ފައިސާ ބީއެމްއެލްގެ ޑޮލަރު ކައުންޓަރާއި ހަމައަށް ގެންދާ ކަމާއި ފައިސާ ޓްރާންސްފާ ކުރާ ވަގުތު ފުލުހުންގެ ސެކިއުރިޓީ ބޭނުން ނުކުރާކަން ވައްކަން ކުރި މީހުންނަށް ވަރަށް ރަނގަޅަށް އެނގުމެވެ. އަދި ފިލުމަށް ލޯންޗެއް ބޭނުން ކުރުމަކީ ވެސް އޭގެ ސަބަބެއްގެ ގޮތުގައި ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް މިކަމާ ގުޅިގެން ފުލުހުން ވެސް އަދި ބީއެމްއެލްއިން ވެސް ވަކި އެއްޗެއް ހާމަކޮށްފައި ނުވެއެވެ.