ހުޅުމާލެ ފޭސް 3 ގައި ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށް ނެގި ޑޮލަރުތަކަކާއި އެހެނިހެން ތަކެތި ފުލުހުން ހޯދައި ވެރި ފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ، މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 2:40 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، ބިދޭސީން ދިރިއުޅޭ ސައިޓަކުން ވައްކަންކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސައިޓަށް ގޮސް މައުލޫމާތު އޮޅުންފިލުވި ކަމަށެވެ.
އެގޮތުން އެ ސައިޓުން ދަބަހެއް ވަގަށް ނަގާފައިވާކަމާއި އެ ދަބަހުގައި 20000 ޑޮލަރު ހުންނާނެކަމަށާ އަދި އެހެނިހެން ތަކެތި ވެސް ވަގަށް ނަގާފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެއާއެކު އެ ސަރަހައްދު ބަލައިފާސްކުރަމުން ދިޔައިރު 20000 ޑޮލަރާއެކު އެ ދަބަހާއި ވޮލެޓުތަކަކާއި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތި ފެނިފައިވަނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި ތަކެތި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
