މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަޔާ އެކްސްޓިންގުޝާސް ރީފިލިން ސެންޓަރުގެ ހިދުމަތް ފަށައިފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޕީއެލް އިން ބުނީ މި ސެންޓަރަކީ އެމްޕީއެލްގެ ހެލްތް އެންޑް ސޭފްޓީ ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން ހުޅުވުނު ސެންޓަރެއް ކަމަށެވެ. އެގޮތުން މި ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އެކި ބާވަތުގެ އަލިފާން ނިވާ ފުޅި ރީފިލްކުރުމާއި ފުޅިތަކުގެ ހައިޑްރޯސްޓެޓިކް ޕްރެޝަރު ޓެސްޓް ކުރުމުގެ އިތުރުން ލީކޭޖް އިންސްޕެކްޝަން ހެދުން ހިމެނޭކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
އެމްޕީއެލް އިން ބުނީ މި ސެންޓަރުން ޑްރައި ކެމިކަލް ޕައުޑާ (ޑީސީޕީ)، ކާބޮންޑައިއޮކްސައިޑް، ފޯމް އަދި ފެން ބޭނުންކޮށްގެން އަލިފާން ނިވާ ފުޅިތައް ރީފިލްކުރުމާއި ސާވިސް ކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށެވެ.
މި ސެންޓަރުން ސާވިސް ކުރުމުގެ މަސައްކަތްތަކުގެ އިތުރުން ފުޅިތަކަށް ކުލަ ޖެހުމާއ،ި ލޭބަލް ކުރުމުގެ މަސައްކަތްވެސް ކުރާނެކަން ފާހަގަކޮށް އެމްޕީއެލް އިން ބުނީ ޓެގް ކުރުމާއި ސޭފްޓީ ޕިން ހަރުކުރުމާއި މުއްދަތު ހަމަވެފައިވާ ނުވަތަ ހަލާކުވެފައިވާފުޅިތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނައްތާލުމުގެ މަސައްކަތްތައްވެސް ކުރެވިގެންދާނެ ކަމަށެވެ.
އެމްޕީއެލް އިން ބުނީ މި ސެންޓަރުގެ މަސައްކަތް ކުރިއަށް ގެންދާނީ ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި، މިހާތަނަށް އެމްޕީއެލްގެ ބަނދަރުތަކުގައި ބޭނުންކުރަމުންދާ އަލިފާން ނިއްވާ ފުޅިތައް ރީފިލް ކުރުމާއި ސާވިސް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އައުޓް ސޯސްކޮށް ކަމަށެވެ. ނަމަވެސް މި ސެންޓަރާއެކު ކުންފުނީގެ ހަރަދުތައް ކުޑަވެގެންދާނެ ކަން ފާހަގަކޮށް އެމްޕީއެލް އިން ބުނީ މިވަގުތުވެސް އެމްޕީއެލްގެ ބަނދަރުތަކާއި އެހެން އިމާރާތްތަކުގައި ބޭނުންކުރާ 900 އަށްވުރެ ގިނަ އަލިފާން ނިވާ ފުޅި ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓުން ދަނީ ބަލަހައްޓަމުން ކަމަށެވެ.
އެމްޕީއެލް އިން އިތުރަށް ބުނީ ކުރިއަށް އޮތް ތަނުގައި ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާކޮށް ވިޔަފާރި އުސޫލުން މި ހިދުމަތް ފޯރުކޮށްދޭން ފެށުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އެމްޕީއެލް އިން ބުނީ އެ ކުންފުނިން ގެންދަނީ ސަލާމަތާއި ރައްކާތެރިކަމުގެ އެކި ދާއިރާތަކުން ހެލްތު އެންޑް ސޭފްޓީގެ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދެމުން ކަމަށާއި، އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓުގައި މި ވަގުތުވެސް އަލިފާން ނިއްވުމުގެ ތަމްރީނު ލިބިފައިވާ ގާބިލް މުވައްޒަފުންތަކެއް އެބަތިބި ކަމަށެވެ.
